ނޯތް ޕޯލް ވިޔަސް އަދި ސައުތް ޕޯލް ވިޔަސް އަދި ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދިނުމުގެ ގާބިލުކަން ހުރި ސަރްމަޓް އިންޓަކޮންޓިނެންޓަލް މިސައިލް ރަޝިއާއިން ހިދުމަތަށް ނެރެފިއެވެ.

ރަޝިއާގެ ސްޕޭސް އެޖްންސީގެ ޗީފް ޔޫރީ ބްރިސޯވް ވިދާޅުވީ، އިއްޔެއިން ފެށިގެން އެ މިސައިލް ބޭނުން ކުރަން ހުއްދަ ދީފައި ވާ ކަމަށާއި މިހާރު ހިދުމަތަށް ނެރެފައި ވާ ކަމަށެވެ.

ހުޅަނގުން 'ސައިތާން'ގެ ނަމުން ނަން ދީފައި ވާ ބައްރުން ބައްރަށް ހަމަލާ ދެވޭ، 18،000 ކިލޯމީޓަރަށް ދަތުރު ކުރާ ސަރްމަޓް މިސައިލަކީ 10 ޓަނުގެ ނިއުކްލިއާ ވޯހެޑް [ގާތްގަނޑަކަށް 10-15 ވޯހެދް] އުފުލުމުގެ ގާބިލުކަން ހުންނަ ސްޕީޑް ބާރު މިސައިލެކެވެ.

ރަޝިއާއިން ސައުތު ޕޯލަށް ދުރުމިން ބަލާއިރު ހުންނަނީ 16،000 ކިލޯ މީޓަރެވެ. އެމެރިކާ އަށް 5000 ކިލޯ މީޓަރެވެ. ރާއްޖެއަށް 7000 ކިލޯ މީޓަރެވެ.

މި މިސައިލަކީ އޭތި އުދުއްސާލަށް އެހެން މިސައިލްތަކާ އަޅާ ބަލާއިރު ކުޑަވަގުތުކޮޅެއް ނަގާ މިސައިލެއް ކަމުން މިސައިލުން ދިފާއުވާ ނިޒާމުތަކަށް ވެސް މި މިސައިލް ދެނެގަތުމުގައި ގޮންޖެހުންތަކާ ކުރިމަތިވާ އެޑްވާންސް މިސައިލެކެވެ.

މި މިސައިލް ހިދުމަތަށް ނެރޭނެކަން މީގެ ކުރިން އިއުލާން ކުރައްވަމުން ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިން ވިދާޅުވެފައި ވަނީ، ސަރަމަތް އަކީ ރަޝިއާގެ މިނިވަންކަން ޔަގީންކޮށްދޭނެ ހަތިޔާރެއް ކަމަށާއި، ރަޝިއާ އަށް އަމާޒުވާ ހަމަލާތަކަށް ދޭނެ ވަރުގަދަ ރައްދެއް ކަމަށެވެ. އަދި އެއާއެކު އޭނާ ވަނީ ރަޝިއާ އަށް ބިރުދައްކަން އުޅޭ މީހުން ދެފަހަރަށް ވިސްނާލަން ޖެހޭނެ ކަމަށްވެސް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

މިދިޔަ އޭޕްރީލް މަހު ރަޝިއާއިން ވަނީ މި މިސައިލް ޓެސްޓްކޮށްފައެވެ. އެފަހަރު މިސައިލް ރަޝިއާގެ ވެރިރަށް މޮސްކޯގެ އުތުރުން 800 ކިލޯމީޓަރުގެ ދުރުންނެވެ. މިސައިލް ވެއްޓުނީ ރަޝިއާގެ އިތުމަތީ ބިތުގައި އޮންނަ ކަމްޗަޓްކާ ސަރަހައްދަށެވެ.

ރަޝިއާއިން މި މިސައިލް ބޭނުން ކުރަން ފެށިކަން އިއުލާން ކުރުމުން އެމެރިކާއިން ބުނެފައި ވަނީ، މިސައިލް ހިދުމަތަށް ނެރުނުކަން އަދި ޔަގީން ނުވާ ކަމަށާއި، އެ މިސައިލުގައި އުފުލޭނެ ކަމަށް ގަބޫލު ކުރަނީ ނިއުކްލިއާ ވޯހެޑްގެ 10 ވޯހެޑް ކަމަށެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ފެށި ހަނގުރާމައިގައި މިހާރު އާ މަރުހަލާއެއް ފެށިފައި ވާ އިރު ޔޫކްރައިންގެ ހަމަލާތައް އަމާޒު ކުރަނީ އެއްގަމާއި ކަނޑުން ފޮނުވާ ޑްރޯންތަކުންނެވެ. ރަޝިއާގެ ކަނޑުގެ ފްލީޓަށާއި އެއްގަމުގެ އެކިއެކި މަގާމުތަކަށް ޑްރޯން ހަމަލާ ދީ ރަޝިއާއަށް ބޮޑެތި ގެއްލުންތައް ދެމުން އަންނަ އިރު، އެއްގަމުމަގުން ދެގައުމުގެ ސިފައިންގެ ދެމެދުގައި ބަރުހަތިޔާރުންވެސް ކުރިމަތިލުން ހިނގަމުން އެބަދެއެވެ. އަދި މިސައިލާއި ޑްރޯނާއި، ބޮޑުބަޑިއާއި ޓޭންކަރުފަދަ ހަތިޔާރުން ހަމަލާ ބަދަލުކުރަމުން ދާ އިރު، ދެފަރާތަށްވެސް ލިބޭ ގެއްލުން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.