ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އެންމެ ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ގއ. އަތޮޅުން ފެށިގެން ގޮސް އައްޑޫ ސިޓީއާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:15 އިން ފެށިގެން މެންދުރުފަހު 14:15 އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާ ބައެއް ރަށްތަކަށް ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކުރެ ވޭ ކަމަށެވެ. އަދި ހުޅަނގާ ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާޅުގެ އުސްމިން 5-7 ފޫޓަށް އަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

މެޓް އޮފީހުން ވަނީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.