މާލެ ކުރިމަރިން ހުޅުލެއާ ދެމެދު އޮންނަ ތެޔޮ ރައްކާ ކުރާ ކ. ފުނަދޫން ތެޔޮ ޓޭންކުތައް ބަދަލުކޮށް ކޮންވެޝަން ސެންޓަރަކާއި ހޮޓަލެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މާލެ ސަރަހައްދުގެ ތަސައްވަރު ހާމަކުރަން ރޭ ކާނިވަލުގައި އެ ޕާޓީން ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވަނީ މާލެ ސަރަހައްދުގެ މެނިފެސްޓޯ އިއުލާނު ކޮށްފައެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި މާލޭގެ މެނިފެސްޓޯގެ ވަރަށް ގިނަ ކަންތައްތައް ހާމަކުރެވިއްޖެ ކަމަށާއި އޭގެ ތެރެއިން އަދި އާންމު ނުކުރެވި އޮތީ މާލެ ކައިރީގައި ތެޔޮ ރައްކާކުރާ ފުނަދޫގައި ހުރި ތެޔޮ ޓޭންކުތައް އެތަނުން ބަދަލުކޮށް އެތަނުގައި ކޮންވެންޝަން ސެންޓަރެއް ހަދާ ޒަމާނުގެ ބިޒްނަސް ސެންޓަރަކާ އެކީގައި އެތަނުގައި ހޮޓަލެއް ގާއިމު ކުރުން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ މަޝްރޫއަށް ބޭނުންވާ ފައިސާ ބޭރުގެ ރައްޓެހި ގައުމަކުން މިހާރު ވަނީ ކަނޑައަޅާ ނިންމާފައި ކަމަށާއި އެ މަސައްކަތް ފެށޭނެ ކަމަށެވެ.
ރޭ ތައާރަފު ކުރި އުފާވެރި މާލެ މެނިފެސްޓޯގައި މާލޭގެ ގެދޮރުވެރި ކަމުގެ މައްސަލަތަކާއި ދަތުރުފަތުރުގެ މައްސަލަތަކާއި ޖާގައިގެ ދަތިކަމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ވަނީ ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ހިމަނާފައެވެ.
އެގޮތުން ތޮއްޖެހިފައިވާ މާލޭގެ ދަތުރުފަތުރުގެ ކަންކަމަށް ހައްލު ހޯދައި ދިނުމަށް ސިނަމާލެ ބްރިޖަށް ދެ ލޭން އިތުރުކޮށް ދިނުމަށް ހިމަނާފައިވާ އިރު އޭގެ ސަބަބުން ބްރިޖުގައި މިހާރުވެސް ވެހިކަލްތައް ތޮއް ޖެހުން ކުޑަކުރެވިގެން ދާނެ ކަމަށް އެމްޑީޕީން ބުނެއެވެ. ހަމައެއާއެކު ލައިޓް ރެއިލް ތައާރަފްކޮށް އެ ރޭލުން ގްރޭޓާ މާލޭގެ ސަރަހައްދުތަކަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސުމާއި، ސްކޫލް ދަރިވަރުންނަށް ހާއްސަ ސްކޫލް ބަސް ތައާރަފް ކުރުމަށް ވެސް އެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.