އިންތިހާބު މިއަދު ބާއްވައި މިރޭ ވޯޓު ގުނިޔަސް އެމަނިކުފާނު އިންތިހާބުވެވަޑައިގަންނަވާނެ ކަމަށާއި، ރިޔާސީ އިންތިހާބު "ނިމިއްޖެ" ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ދެވަނަ ދައުރެއްގެ އުންމީދުގައި މި މަހު ބާއްވާ މައި އިންތިހާބުގައި ވާދަކުރައްވާ ރައީސް ވިދާޅުވީ، މާދަމާ އިންތިހާބު ބާއްވައި ވޯޓު ގުނައިފިއްޔާ ބޮޑުތަނުން އެމަނިކުފާނު އިންތިހާބުވެވަޑައިގަންނަވާނެ ކަމަށާއި، އިންތިހާބު އޮންނަ ދުވަހު ބޮޑު ތަފާތަކުން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާނެ ކަމަށެވެ.

މިހާތަނަށް 16 އަތޮޅަކަށް ދަތުރުފުޅުކުރެވިއްޖެ ކަމަށާއި، އެ ހުރިހާ އަތޮޅުތަކަށް ވަޑައިގަތުމުން ފެނިވަޑައިގަންނަވަނީ ރަށްތަކަށް ހެޔޮބަދަލުތައް ގެނެވިފައިވާ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ކޮށްދިން ކަންކަމާ މެދު ރައްޔިތުން ހިތްހަމަޖެހޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނަށް އިންތިހާބު "އެއްބުރުން" ލިބިވަޑައިގަންނަވާ މަންޒަރު ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ހިންގައި، ކައުންސިލަރުން ސަސްޕެންޑުކޮށް، ދައުލަތުގެ ބާރުތަކަކީ "ގުޅަކުޅޭ" ތަންތަނަށް ހަދަން ރައްޔިތުން މިއަދު ބޭނުންނުވާ ކަމަށާއި، އެ މާޒީ އަށް ދިވެހިން މިއަދު ދާން ނޭދޭ ކަމަށެވެ.

2018 ވަނަ އަހަރުގެ ހާލަތަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ، އޭރު އޮތް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ސިޔާސީ ލީޑަރުން ހިމެނޭހެން 250 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްގެން ގެންގޮސް ދޫނިދޫގައި ބަންދުކުރި ކަމަށާއި، އެ މީހުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. ރައީސް ސިފަކުރެއްވި ގޮތުގައި، ސަރުކާރެއް ހިންގޭ ވަރަށް ދޫނިދޫގައި އެ ދުވަހު މީހުން ބަންދުކޮށްފައި ތިއްބެވެ.

މީގެން ދުވަހަކު ނުގެނެވުނު ތަރައްގީ މި ފަސް އަހަރު ދުވަހުގެ ތެރޭ ގެނެވުނު ކަމަށް ރައްޔިތުން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ، މި ދައުރުގައި ގިނަ ރަށްރަށަށް ފެނާއި ނަރުދަމާ ފޯރުކޮށްދެވި، ފުރަތަމަ ޑިގްރީ ހިލޭ ކިޔަވައިދޭ ގޮތަށް ތައާރަފްކުރީ މި ސަރުކާރުން ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރަށްފުށު ދިރިއުޅުން ވެސް ތަޖުރިބާކުރެވިއްޖެ ކަމަށާއި، 50 އަހަރު ވަންދެން މާލޭގައި ވެސް ދިރިއުޅެވިއްޖެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރަށްރަށަށާއި މާލެ އަށް ގެންނަން ޖެހޭ ހައްލުތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށެވެ.