ފަހަކަށް އައިސް އިދިކޮޅު މައި ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުން ގެންދަވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، މިރޭ ވެސް މުއިއްޒަށް ބަހުގެ ހަމަލާތައް ދެއްވައިފިއެވެ.

އެމްޑީޕީގެ މާލެ ސަރަހައްދުގެ ކޯޑިނޭޓަރު ކަމާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގެ ސްޕޯކްސްޕާސަން ކަން ވެސް ކުރައްވާ މާރިޔާ އެމްޑީޕީގެ "އުފާވެރިި އަމާން ރާއްޖެ" ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައި މާލޭގައި ހިންގި "ޖަރީމާތައް" މާލޭގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި މާ ބޮޑު ތަފްސީލަކަށް ދާން ނުޖެހޭނެ ކަމަށެވެ.

މިހެން ވިދާޅުވެ، މާރިޔާ ވަނީ ޖަލްސާ އަށް ހާޒިރުވި އެމްޑީޕީގެ ސަޕޯޓަރުންނާ ސުވާލުތަކެއް ކުރައްވައިފައެވެ:

  • "މާލޭގަ ދިރިއުޅޭ މީހުން ފަތަން ރަސްފަންނު ސަރަހައްދުގައި ނަޖިސް ފެންގަނޑެއް ހެދީ ކާކުތޯ؟"
  • "އެތައް ވަރަކަށް މީހުން ކިޔަކިޔަ ތިއްބައި، މޮޅު އިންޖިނިޔަރެކޭ ބުނެ، މާލޭގެ ދެކުނު ފަރާތުގައި ނެރެއް ކަނޑައި، މަތިމައްޗަށް ހިންގި އެ އެކްސިޑެންޓުތަކާއި ރައްޔިތުންނަށާއި އެ މީހުންގެ އަގުބޮޑު މުދަލަށް ވީ ގެއްލުމަށް ޒިންމާވާން ޖެހޭނީ ކާކުތޯ؟"
  • "ގުޅީފަޅުގަ އެޅި ފްލެޓުތަކުގެ އަހުލުވެރިން ކޯޓު އަމުރަކާ ނުލާ އެސްއޯ ފުލުހުން ލައްވައި ގަދަކަމުން ބޭލީ ކާކުތޯ؟"
  • ބޮޑު އަގު ދީފައި ގެނައި ބޭނުންނުކުރެވޭ މަހާ ޖައްރާފަށް ޒިންމާ ނަގަން ޖެހޭނީ ކާކުތޯ؟"
  • "މާލޭގެ ޕާކިން އަށް ހައްލެކޭ ބުނެ، ބޮޑު އަގުގައި ގެނައި ބާ ދަގަނޑުގެ ގޮތުގައި ވެސް ބޭނުންނުކުރެވޭ އަގުބޮޑު ލިފްޓުތަކަށް ޒިންމާ ވާން ޖެހޭނީ ކާކުތޯ؟"
  • "އެންމެ ޒަމާނީ ހައުސިން ކަމަށް ބުނެ، ރައްޔިތުންނަށް ހުވަފެން ދައްކައި، 600 އަކަފޫޓު ހަމަނުވާ ފްލެޓު ނުއަގުގައި އަޅާ، އޭގެން ކޮންމެ ޓަވަރެއްގައި ދިރިއުޅޭ އެތައް ހާސް ބަޔަކަށް އެންމެ ތިން ހަތަރު ފްލެޓު ދިނީ ކާކުތޯ؟"

މުއިއްޒަށް ފާޑުވިދާޅުވުމުގެ އިތުރުން، މާރިޔާ ވަނީ މި ސަރުކާރުން ކޮށްދެއްވި ބައެއް ކަންކަމަށް ވެސް ކުޑަކޮށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން މި ސަރުކާރުން 18،000 ދަރިވަރުން ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔެވުމަށް މަގުފަހިކޮށްދީފައިވާ ކަމަށާއި، ސްކޫލްތަކުގައި މަލްޓިޕާޕަސް ހޯލާއި ލެބޯޓަރީ ފަދަ ތަންތަން އަޅައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، މިދިޔަ ފަސް އަހަރު ސާފު ބޯފެނާއި، ރައްޔިތުންގެ ޖީބަށް ލުއި ދަތުރުފަތުރުގެ ނިޒާމަކާއި، ބޯހިޔާވަހިކަމުން މަހްރޫމުވި މާލޭގެ އެތައް ބަޔަކަށް މި ސަރުކާރުން ކޮށްދީފައިވާ ކަމަށެވެ.

މި މަހު އޮންނަ އިންތިހާބުގައި ރައްޔިތުންނަށް ދެ ގޮތެއް އިހްތިޔާރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މާރިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ބޭނުން ވާނީ އޯގާތެރި ހެޔޮވެރިއެއް ކަމަށެވެ.

"ކޮންމޭސް ކޮންމޭސް ތިޔަ ބޭފުޅުންގެ މުސްތަގްބަލާއި ތި ބޭފުޅުންގެ ދަރީންގެ މުސްތަގްބަލު ރިޝްވަތުގެ ފައިސާ ފޮއްޗަކަށް ވިއްކާނުލައްވާތި،" ރައީސަށް އިންތިހާބުގައި ވޯޓު ދެއްވުމަށް ވިދާޅުވެ، އޭނާ އިލްތިމާސްކުރެއްވިއެވެ.