މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ހައުސިން ސްކީމްގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ "ޕޯޓް ރެސިޑަންސް"ގެ އެޕާޓްމަންޓްތަކަށް ދައްކަން ޖެހޭ މަހު ކުލި ކުޑަކޮށްފިއެވެ.

އެމްޕީއެލްއިން ބުނީ މުވައްޒަފުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މުވައްޒަފުންނަށް އިތުރު ލުއިތަކެއް ދިނުމަށް އެމްޕީއެލްގެ ބޯޑުން ނިންމައިފައިވާ ކަމަށެވެ. އެގޮތުން މަހު ކުލި ދެއްކުމަށް މިހާރު އުސޫލަށް ގެނައި ބަދަލާއެކު ޑައުންޕޭމަންޓް ދެއްކުމަށްފަހު ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު މުވައްޒަފުންނަށް ވަނީ ހުޅުވާލައިފައެވެ. މީގެ ކުރިން މަހުން މަހަށް ފައިސާ ދައްކަންޖެހޭނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެނެވެ.

މަހު ކުލި 25 އަހަރަށް ބަހާލުމުން، ޑައުޕޭމަންޓް ފައިސާ ދެއްކުމުގެ "އޮޕްޝަން 1"ގެ ދަށުން ފައިސާ ދައްކާފައިވާ މުވައްޒަފުންނަށް އެއް ރޫމްގެ ސްޓޫޑިއޯ އެޕާޓްމަންޓް (ޓައިޕް އޭ)ގެ މަހު ކުއްޔަށް ފުރަތަމަ ފަސް އަހަރު ދައްކަންޖެހޭނީ 3،741.38 ރުފިޔާއެވެ. އަދި އެއް ރޫމްގެ ސްޓޫޑިއޯ (ޓައިޕް ބީގެ) އެޕާޓްމަންޓަކަށް ފުރަތަމަ ފަސް އަހަރުގެ މަހު ކުއްޔަށް ދައްކަންޖެހޭނީ 3،872.94 ރުފިޔާއެވެ.

ބާކީ އޮތް 20 އަހަރުގައި މަހު ކުއްޔަށް ދައްކަންޖެހޭނީ 4،061.54 ރުފިޔާ (ޓައިޕް އޭ) އަދި (ޓައިޕް ބީ) 4،204.37 ރުފިޔާއެވެ. ކުރިން އޮތް ގޮތަށް 20 އަހަރަށް ބަހާލައިގެން މަހު ކުލި ދައްކާނަމަ، (ޓައިޕް އޭ) 4،585.18 ރުފިޔާ އަދި (ޓައިޕް ބީ) 4،746 ރުފިޔާ ދައްކަން ޖެހޭނެއެވެ.

މި އޮޕްޝަންގައި 2+1 އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ދައްކަންޖެހޭނީ (ޓައިޕް އޭ) 7،015.08 އަދި (ޓައިޕް ބީ) 7،182.60 ރުފިޔާއެވެ. ބާކީ އޮތް 20 އަހަރު (ޓައިޕް އޭ) 8،073.56 ރުފިޔާ ދައްކަންޖެހޭއިރު (ޓައިޕް ބީ) 8،260.45 ރުފިޔާ ދައްކަންޖެހޭނެއެވެ.

މި އޮޕްޝަނަށް ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންގެ އިތުރުން، އޮޕްޝަން 2، 3، އަދި 4ގެ ދަށުން ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންނަށްވެސް މި އުސޫލުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް، މަހު ކުލި ކުޑަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މި އޮޕްޝަންތަކުގެ ދަށުން ޑައުންޕޭމަންޓް ދެއްކުމަށް ހިޔާރުކޮށްފައިވާ މުވައްޒަފުންނަށް ވެސް "އޮޕްޝަން 3" އަށް ބަދަލުވުމަށް ދެ އަހަރުގެ މުއްދަތެއް ދިނުމަށް ނިންމައިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޕީއެލްއިން އިތުރަށް ބުނީ "އޮޕްޝަން 3" އަށް ބަދަލުވުމަށް 2 އަހަރުގެ ތެރޭގައި ފައިސާ ދައްކާ މުވައްޒަފުންނަށް، ފައިސާ ހަމަކުރާ ދުވަހުން ފެށިގެން "އޮޕްޝަން 3"ގެ ލުއިތައް ލިބިގެންދާނެ ކަމަށެވެ. އަދި އެމްޕީއެލްގެ 1 ޓަވަރުގައި މިހާރު ކުރިއަށް ދަނީ ލިފްޓާއި ކަރަންޓު އަދި ފެނުގެ މަސައްކަތްތައް ކަމަށާއި އެ މަސައްކަތްތައް ނިމި، އަންނަ މަހުގެ މެދުތެރެއިން ފެށިގެން ފްލެޓުތަކުގައި މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެމްޕީއެލްއިން ދަނީ ފްލެޓުތަކުގެ ތަޅުދަނޑި މުވައްޒަފުންނަށް ހަވާލުކުރަމުންނެވެ. މުވައްޒަފުންނަށް އެޕާޓްމަންޓްގެ ތަޅުދަނޑި ހަވާލުލުރަން ފެށީ އެޕާޓްމަންޓްގައި މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުންން ކަމަށް އެ ކުންފުނިން ބުނެފައިވާއިރު އެމްޕީއެލް އިން ނިންމާފައިވަނީ މުވައްޒަފުން ފްލެޓްތަކުގައި ދިރިއުޅެން ފަށާ ދުވަހުން ފެށިގެން، މި އަހަރުގެ ނިޔަަަލަށް ފްލެޓްތަކަށް ކުލި ނުނެގުމަށެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފެށި ބޯ ހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އިމާރާތްކޮށްފައިވަނީ 15 ބުރީގެ ތިން ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 204 ފްލެޓާއި 2+1 ކޮޓަރީގެ 330 އެޕާޓްމަންޓެވެ.