އަންނަ އަހަރުގެ ތެރޭގައި މަސްވެރިކަމަށް ގެންނަ ބަދަލާއެކު މަހަށް ހަމައަގު ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެ އަތޮޅު ނައިފަރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނައިފަރަކީ މަސްވެރިން ގިނަ ރަށެއް ކަމަށާއި އެ ސިނާއަތަށް ގެންނަ ބަދަލު އަންނަ އަހަރު މެދަތެރޭގައި ނުވަތަ ނިމެންވާއިރަށް އެ ސިނާއަތަށް އަނަން ތަން ފެންނާނެ ކަމަށެވެ. އަދި އެއާއެކު ބާނާ ހުރިހާ މަހެއް ތާޒާ ކަމުގައި ކިރޭނެ ކަމަށާއި މަހަށް ހަމަ އަގު ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކާއި ރަށްތަކަށް ދެވިއްޖެ ކަމަށާއި މިއިން ކޮންމެ ރަށަކުން ފެންނަނީ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުވާތަން ކަމަށެވެ. އަދި އެކަމުގައި ފާދިއްޕޮޅުގެ އެއްވެސް ރަށެއް ތަފާތެއް ނެތް ކަމަށާއި ނައިފަރުންވެސް އެއްބުރުން މި އިންތިހާބު މިފަހަރު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ މި ނައިފަރުގައި ތިބި އެމްޑީޕީއާއި އެމްޑީއޭއާއި އަދާލަތު މެންބަރުން ގުޅިގެން ނިކުމެ އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި 50 ޕަސެންޓް ހުރަސްކޮށް ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ނައިފަރަކީ ބިމުގެ ދަތިކަން އޮތް ރަށެއް ކަމަށާއި މި ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ތަސައްލީއެއް އެކަމަށް ލިބިފައިވާނެ ކަމަށާއި އެގޮތުން 100 ހައުސިން ޔުނިޓް އެޅިފައިވާނެ ކަމަށެވެ. އަދި 20 ހެކްޓަރު ބިން ހިއްކުމަށް ނިންމާފައިވާ ކަމަށާއި އެހެންނަމަވެސް އެއަށް އިތުރުކޮށް އިތުރުބިން ހިއްކާ، އެތަނުގައި ފުރަތަމަ ބުރުގައި 200 ފްލެޓް ނުވަތަ ހައުސިން ޔުނިޓް އަޅައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ނައިފަރުގެ ފެނާއި ނަރުދަމާއަކީ މި ސަރުކާރު އައި ފަށާފައިވާ މަޝްރޫއެއް ކަމަށާއި އެހެންނަމަވެސް ޕްލޭނެއް ނެތި އުސޭލެއް ނެތި ފަށާފައި އޮތުމުން ދަތިތަކާ ކުރިމަތިވެ، އެގްރިމެންޓް ބާތިލުކުރަން މަޖުބޫރުވި މަޝްރޫއެއް ކަމަށެވެ. އަދި މިހާރު އެ އެގްރީމެންޓް ބާތިލުކޮށް އެހެން ބަޔަކާ ހަވާލުކޮށްގެން އެ މަޝްރޫއު ނިންމާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ފެނާއި ނަރުދަމާ މަސައްކަތް ނިމުމުން 2.6 ކިލޯ މީޓާރު މަގުގައި ތާރު އަޅަން ކުރިން ނިންމި ނަމަވެސް ހުރިހާ މަގެއްގައި ތާރު އަޅާދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެންމެ ފުރަތަމަ ކައުންސިލް އިދާރާ އެޅުނު އެއް ރަށަށް ނައިފަރު ވާނެ ކަމަށާއި ތަރައްގީގެ މަޝްރޫއު ހިންގަނީ ސިޔާސީ ފިކުރަކަށް ބަލައިގެންނެއް ނޫން ކަމަށެވެ. އަދި ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް އިތުރު އިމާރާތާއި ވަސީލަތްތައް ބޭނުންވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިތުރު އިމާރާތާއެކު ސައިކޭޓްރިސްޓަކާއި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕީގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.
ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހުގައި މަލްޓި ޕާޕަސް ހޯލެއް ހެދުމާއެކު ސައިންސް ލެބެއް ހެދުމަށާއި ބަނދަރަށް ދިމާވެފައިވާ ދަތިތަކަން ހައްލުކުރަން އުތުރު ބަނދަރުގެ ފައިކަށި މަރާމާތު ކުރުމާއި ބޭރުގައި 500 ފޫޓް ރިވެޓްމެންޓް ޖަހާ ކުދި އުޅަނދު ފަހަރަށް ވަދެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.