އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، މިހާރުގެ ރައީސް ޖޯ ބައިޑަން އަށް ވަރުގަދަ ހަމަލާއެއް ދެއްވައިފިއެވެ.

އޭނާ ވިދާޅުވީ، ބައިޑަން އަކީ 'ގަމާރު ގާބިލުކަމެއް ނެތް މޮޔައެއް' ކަމަށާއި އޭނާ އުޅުއްވާ ގޮތުން، އެމެރިކާ ވެއްޓިގެން ދަނީ 3 ވަނަ ބޮޑުހަނގުރާމައަކަށް ކަމަށެވެ.

އޭނާ އިޝާރާތް ކުރެއްވީ، ބައިޑަންގެ ދޯދިޔާ ސިޔާސަތާއި އެފްބީއައި ބޭނުން ކުރައްވައިގެން އެކިއެކި ސިޔާސަތުތައް ހަތިޔާރަކަށް ހެއްދެވުމާއި ތިމާވެށީގެ ނުރައްކާތަކަށް ގައުމު ހުށަހަޅުން ގެންދިޔުން ފަދަ އެތައް ކަމެއްގެ ސަބަބަކީ ސީދާ ބައިޑަން ކަމަށެވެ. އަދި އެއީ އޭނާގެ ނާގާބިލު ކަމާއި ގަމާރު ކަމުގެ އިތުރުން މޮޔަކަމުން ވާ ކަންކަން ކަމަށެވެ.

މި މޭރުމުން ޓްރަމްޕް ވާހަކަ ދައްކަވާފައި ވާ އިރު، އޭނާ އަކީ އެމެރިކާއިން މަދަދު ދޭ ޔޫކްރައިން ހަނގުރާމަ އާވެސް ދެކޮޅު ބޭފުޅެކެވެ. އޭނާ ވިދާޅުވީ، އަންނަ ރިޔާސީ ދައުރު ލިބިވަޑައިގެންފި ނަމަ 24 ގަޑިއިރުގެ ތެރޭގައި އެ ހަނގުރާމަ ހުއްޓުވާލައްވާނެ ކަމަށެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރާ ހަނގުރާމަ އަކީ، މިހާރު އެމެރިކާ އާއި ހުޅަނގުންވެސް އެ ހަނގުރާމައިގެ ތެރެއަށް ވަދެ ޔޫކްރައިން އަށް ބޮޑުތަކުން މަދަދު ދެމުން ދާތީ ފަސޭހައިން ހުއްޓެން ނެތް ވަރުގަދަ ހަނގުރާމައެކެވެ. ހަނގުރާމައަށް 2 އަހަރު ފުރެން ދާ އިރު، ހުޅަނގާއި އެމެރިކާއިން ގެންދަނީ ކެނޑި ނޭޅި ބަރުހަތިޔާރާއި ފައިސާގެ އެހީގެ އިތުރުން އިސްތިރާޖީ އެހީއާއި ޓެކްނިކަލް އެހީ ފޯރުކޮށްދެމުންނެވެ.

ޓްރަމްޕް، ބައިޑަން އަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި ވާ އިރު، އަންނަ އިންތިހާބުގައި އޭނާ އަށް ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލުވާލުމަށް ޖިނާއީ ގިނަ ދައުވާތަކެއް ދަނީ އުފުލަމުންނެވެ. 2020 ގެ އިންތިހާބުގައި ވޯޓު އޮޅުވާލައްވަން އުޅުއްވުމާއި އެމެރިކާއަށް މަކަރު ހެއްދެވުމާއި، އިންތިހާބީ އުސޫލުތަކުގެ ބޭރުން ނުފޫޒުން ކަންކަން ކުރައްވަން އުޅުއްވުމާއި އެކިއެކި ސްޓޭޓްތަކުގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވަން އުޅުއްވުމާއި ނަތީޖާ ގަބޫލު ނުކުރައްވަން، ގާނޫނޫ ހަދާ މަޖިލީސް ހިސޯރު ކުރަން އުޅުއްވުން ފަދަ ކިތަންމެ ޖިނާއީ ދައުވާއެއް ހިމެނެއެވެ. އަދި ވެރިކަމުން ފައިބައިވަޑައިގެންނެވި އިރު، އަމިއްލަ ގެކޮޅަށް ދައުލަތުގެ ސިއްރު ލިޔެކިޔުންތައް ގެންދެވި މައްސަލަ އާއި އެ ލިޔެކިޔުންތައް ބެލެހެއްޓެވުމުގައި ފަރުވާ ކުޑަކުރެއްވުމުގެ މައްސަލައިގައި ވެސް އޭނާގެ މައްޗަށް ދައުވާ ކުރެއެވެ.

އެންމެ ފަހުން ޓްރަމްޕް ހާޒިރު ކުރީ ޖޯޖިއާގެ އިންތިހާބު އޮޅުވާލި މައްސަލައިގެ ތުހުމަތަށެވެ. މިމަހުގެ 26 ވަނަ ދުވަހު އޭނާ ހާޒިރު ކުރުމުން ޖަލުގައި 20 މިނެޓަށް ބަންދުކޮށް ނެގި ޖަލު ފޮޓޯއެއް ސޯޝަލް މީޑިއާގައި ވައިރަވް ވެފައި ވާއިރު އެ ފޮޓޯ ބޭނުން ކޮށްގެން ތައްޔާރު ކޮށްފައި ހުރި ޓީޝާޓާއި، ތޮފި އަދި އެހެނިހެން ސާމާނު ވިއްކައިގެން އެކި ފަރާތްތަކުން ވަނީ މިހާތަނަށް ޖުމްލަ 7.5 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.