މި މަހު އޮލިމްޕަސް ސިނަމާގައި އަޅުވަން ފެށި ދިވެހި ފިލްމު "ނީނާ" ގެ ފަހު ޝޯތަކާ ހަމައަށް ޖެހިލައިފިއެވެ.
އައިފިލްމްސް އިން ބުނީ ދިވެހި ފިލްމު ނީނާ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ދައްކަމުން ދާނެ ކަމަށެވެ. ކޮންމެ ރެއަކު 20:30 ގައި ޝޯ އެއް ދެއްކުމަށް ހަމަޖެހިފައި ވާއިރު ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 20:30 ގެ ޝޯގެ އިތުރުން 23:30 ގައި ވެސް ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއަދުގެ ނިޔަލަށް ކުރިން މި ފިލްމު ދައްކަން ނިންމި ނަމަވެސް ފިލްމަށް ލިބެމުންދާ ތަރުހީބަށް ބެލުމަށްފަހު ފިލްމުގެ އިތުރު ޝޯތަކެއް އަޅުވަން ނިންމީއެވެ.
ބެލުންތެރިންގެ އުންމީދަށް ވާސިލްވި ދިވެހި ފިލްމު "ނީނާ" އަކީ ވަރުގަދަ އަންހެން ފަހުލަވާނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. 2019 ވަނަ އަހަރު އޮލިމްޕަސް ސްކްރީނަށް ގެނެސްދިން "ބަވަތި" ވެސް ޑައިރެކްޓްކޮށް ގެނެސްދިން ޑައިރެކްޓަރު އިލްޔާސް ވަހީދު ޑައިރެކްޓްކުރާ މި ފިލްމަކީ ނުޒުހަތު ޝުއައިބު (ނުޒޫ) ލީޑު ރޯލުން ފެނިގެންދާ ފިލްމެވެ. ނުޒޫ އާއެކު މި ފިލްމުގައި ދެން ފެނިގެންދާނެ ލީޑު ތަރިއަކީ ޝަރަފް އަބްދުﷲއެވެ. މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް އެވެ.
މި ފިލްމު މާލެ އަތޮޅު ތުލުސްދޫގައި ދެއްކުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭ 21:00 ގައި ތުލުސްދޫގެ ސްކޫލު ހޯލުގައި ފިލްމު ދައްކަން ހަމަޖެހިފައި ވާއިރު މި ފިލްމުގެ ޓިކެޓް އެރަށުން ލިބެން ހުންނާނީ އެ ރަށު އެފްބީސީ ސަޕްލައި އަދި ބްލެކް ޝޮޕުންނެވެ. އައިފިލްމްސް އިން ބުނީ އަތޮޅުތެރޭގައި ފިލްމު ދައްކަން ބޭނުން ފަރާތްތަކުން 7242555 އަށް ގުޅައިގެން އެކަން ކުރިއަށްދެވޭނެ ކަމަށެވެ. ދިވެހި ފިލްމު ނީނާ އަކީ މިއަަހަރު ސިނަމާ އަށް އައި އެންމެ ރީތި ފިލްމެވެ.