ބާޒާރުގައި ވިއްކަމުންދާ އޮރެންޖުގެ ކޭހެއްގެ އަގު 900 ރުފިޔާއަށް އަރައިފިއެވެ.

އޮރެންޖު ކޭހެއްގެ އަގު 900 ރުފިޔާއަށް އަރާފައި ވާއިރު މި ދުވަސްވަރު އާދަޔާ ހިލާފަށް ތަކެތީގެ އަގުތައް އުފުލެމުން ދާކަން ފާހަގަ ކުރެވެއެވެ. މީގެ ކުރިން 4 ރުފިޔާއާއި 5 ރުފިޔާއަށް ވިއްކަމުން އައި އޮރެންޖާއި އާފަލު މިހާރު ވިއްކަމުން ދާ އަގު 14 ރުފިޔާ، 15 ރުފިޔާ އަށް އަރައިފިއެވެ.

މީގެ އިތުރުން ފިޔާ، ލޮނުމެދު އަދި އިނގުރުގެ އަގު އުފުލިފައި ވާއިރު މިހާރު އިނގުރު ކިލޯއެއް ވިއްކަމުން ދަނީ 110 އާއި 130 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ.

މިހާރު ބާޒާރުން ފިޔާ ބަސްތާއެއް ލިބެނީ 350 ރުފިޔާއާއި 320 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ. އަދި 10 ކިލޯގެ ލޮނުމެދު ބަސްތާއެއް މިހާރު ވިއްކަމުން ދަނީ 550 ރުފިޔާއަށެވެ.

ދުނިޔޭގައި އެންމެ ގިނައިން ފިޔާ ބޭރުކުރާ ގައުމު ކަމަށް ވާ އިންޑިއާއިން ފިޔާ ޝޯޓޭޖަކާ ކުރިމަތިލާން ޖެހުމުން އެ ގައުމުން ފިޔާގެ އަގު ބޮޑު ކޮށް ވިއްކާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި މަހުގެ 19 ވަނަ ދުވަހު އިންޑިއާގެ ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އިންޑިއާއިން ފިޔާގެ ބާވަތްތަކުން އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށް 40 ޕަސެންޓް އެކްސްޕޯޓް ޑިއުޓީ އެއް ނަގާނެއެވެ.