އައްޑޫ ސިޓީ ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށިލުމުގެ މަޝްރޫއޫގެ ދެވަނަ ފިޔަވަހީގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، 5.88 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 419 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 270 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 728 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން 5455 އަކަ މީޓަރުގެ ސަރަހއްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާ، ސޮކޯ އޭޕްރަނެއް ހެދުމާ، 12 މީޓަރު ދިގު 12 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.އަދި 10 މީޓަރު ދިގު 96 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 130.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އައްޑޫ ސިޓީ ހިތަދޫ އަކީ އެ ރަށުގެ ވެރިކަން ކުރާ ސިޓީއަށް ވާއިރު އެ ރަށުގައި އެކަށީގެންވާ ރަނގަޅު ބަނދަރެއް ނެތް ކަމުގެ ޝަކުވާއަކީ އަބަދުވެސް ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ޝަކުވާއެކެވެ. އަދި މިހާރު އެމްޓީސީސީ ފެރީ ލޯންޗްގެ ހިދުމަށް އެ ރަށަށް ދެމުން އަންނައިރު ދަތުރުވެރިން ބޭނުންކުރުމަށް ފެރީ ޓާމިނަލެއް ނެތްކަމުގެ ޝަކުވާތައްވެސް ގިނައެވެ.