ރާއްޖޭގެ ސެލޫނެއްގައި ފިރިހެނަކު އަންހެން ހެދުން އަޅައިގެން ހިދުމަތް ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސެލޫނެއްގައި ހިދުމަތް ދިން ގޮތުން ހިތްހަމަނުޖެހިގެން އާންމުންގެ މީހަކު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން އިތުރަށް ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މި ހާދިސާ ދިމާވި އަންހެން މީހާ ވަނީ އޭނާ، ސެލޫނަކުން ހިދުމަތް ހޯދަން ދިއުމުން ކަން ހިނގި ގޮތް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ހިއްސާކޮށްފައެވެ. މި ގޮތުން މި ހާދިސާ ދިމާވި ދަހާ އަބްދުﷲ ކިޔާ މީހާ ބުނީ މި މަހުގެ 14 ވަނަ ދުވަހު އޭނާ ސެލޫނަކަށް ހިދުމަތް ހޯދަން ދިއުމުން އެ ސެލޫނުން އޭނާ އަށް ހިދުމަށް ދިނީ އަންހެން ހެދުމުގައި ހުރި ފިރިހަނެއް ކަމަށެވެ.

ބަލާބެލުމަށް އެ މީހާއަކީ ފިރިހަނެއްކަން ނޭނގޭ ކަން ފާހަގަކޮށް ދަހާ ބުނީ ސެލޫނުން އެޕޮއިންޓްމަންޓް ހެއްދި އިރުވެސް އަންހެން ބިއުޓީޝަނަކަށް ރިކުއެސްޓް ކޮށްފައި ވާނެ ކަމަށެވެ.

މީގެ އިތުރުން ދަހާ ބުނީ އޭނާއަށް ހިދުމަތް ދިން މީހާ އަކީ ފިރިހެނެއްކަން އެނގުނީ ސެލޫނުން، ގެއަށް ދިޔަފަހުން ކަމަށެވެ. އެކަން އޭނާއަށް އެނގުނީ އިންސްޓަގްރާމުން ފެނުނު ޕޯސްޓް ތަކެއްގެ ސަބަބުންނާ އަދި އެ ސެލޫނުގައި ކުރިން މަސައްކަތް ކުރި މީހެއްގެ ފަރާތުން ކަމަށް ދަހާ ވަނީ ބުނެފައެވެ. އަދި އެ މައްސަލަ އޭނާ ސެލޫނަށް ހުށަހަޅާފައިވާ އިރު މިކަމާ ގުޅިގެން އެ ސެލޫނުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ އެ މައްސަލަ އަކީ ކްލައަންޓް ކެއާގައި ޖެހުނު މައްސަލައެއްގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށާ އެކަމަށް ނިހާޔަތަށް މައާފަށް އެދޭކަމަށެވެ.