ކ. ދިއްްފުށީ ބިންހިއްކުމާ، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް މިއަދު، ސައިޓް މޮބަލައިޒްކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން 22.97 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާ، 710 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 300 މީޓަރުގެ ރިވެޓްމެންޓް މަރާމާތު ކުރުމާ، 670 މީޓަރުގެ ސަަރަހައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރަށް މިހާރު ހުރި ގްރޮއިންގެ 270 މީޓަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކ. ދިއްފުށި ބިން ހިއްކުމާއި ގޮނޑު ދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ޖޫން 02، 2023 ވަނަ ދުވަހުއެވެ.

މި މަޝްރޫއަކީ 157.33 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއެކެެވެ.

މަސްވެރިކަމާއި ލޯކަލް ތޫރިޒަމުން ނަފާ ހޯދާ މީހުން އުލޭ ކ. ދިއްފުއްޓަކީ ގާތްގަނޑަކަށް 1400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެވެ. ލޯކަލް ޓޫރިޒަމް އެ ރަށުގައި ފުޅާވަމުން އަންނަ އިރު ބިމުގެ ދަތިކަމަކީ އެރަށަށް ދިމާވެފައިވާ އެއް މައްސަލައެވެ.

އެމްޓީސީސީ އިން ބުނީ ދިއްފުށީގެ ބިން ހިއްކައި ނިމޭއިރު، ހިއްކި ސަރަހައްދުން ރަށު ރައްޔިތުންނަށް ގޯތި ދޫކުރެވޭނެ ކަމަށާއި އުދަ އެރުމުގެ ސަބަބުން ނެތި ގޮސްފައިވާ ގޯތިގެދޮރަށް އަލަށް ހިއްކާ ސަރަހައްދުން ޖާގަ ލިބިގެންދާނެ ކަމަށެވެ.