ރައްޔިތުން މަޖިލީހުގެ ކޯރަމް ހަމަ ނުވުމުގެ ސަބަބުން މިއަދަށް ތާވަލް ކުރި ޖަލްސާ ކެންސަލް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ތިން ވަނަ ޖަލްސާ ބޭއްވުމަށް މިއަދަށް ތާވަލް ކުރި ނަމަވެސް ޖަލްސާއަށް ހާޒިރު ވެވަޑައިގަތީ އެންމެ 13 މެންބަރުންނެވެ. 87 މެންބަރުން ތިބޭ ރައްޔިތުން މަޖިލީހުގެ ކޯރަމް ހަމަވަނީ 22 މެމްބަރުން ޖަލްސާގައި ބައިވެރި ވެވަޑައިގަންނަވާ ނަމައެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާފައި ނުވާއިރު އެދުވަހު ޖަލްސާ ނުބޭއްވުމަށް ނިންމާފައި ވަނީ އެމްޑީޕީން ވަކިވުމަށް ފަހު އުފެއްދި ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި މެންބަރުން އެ ޕާޓީގެ ދަފްތަރުވެ، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެ ޕާޓީގެ މަޖިލިސް މެންބަރުން ތަމްސީލު ވާނެ ގޮތުގެ މަޝްވަރާ އަށް ވަގުތު ބޭނުންވާ ކަމަށް ބުނެ އެވެ. އަދި އެކަން ނިންމާ މިއަދު ޖަލްސާތައް ފަށާނެ ކަަމަށް މަޖިލީހުގެ އިދާރާއިން ބުނި ނަމަވެސް ،މިއަދުގެ ޖަލްސާވެސް ވަނީ ބޭއްވޭ ގޮތް ނުވެފައެވެ.
19 ވަނަ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިމި، މިދިޔަ މަހުގެ 10 ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ވަނީ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެނައުމަށް ފާސްކޮށްފައެވެ. ނަމަވެސް ޑިމޮކްރެޓްސް ތަމްސީލުކުރައްވާ 14 މެންބަރުންގެ ތެރެއިން 11 މެންބަރަކު އަދިވެސް މަޖިލީހުގެ އިދާރާ އަށް އެކަން އަންގަވާފައި ނުވާތީ، އެ މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުން ފަސްކުރުމަށެވެ.
އެހެންކަމުން، މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ދެ ޖަލްސާ ހޫނުވެ، ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެއްވެސް ގޮތަކަށް ކުރިއަކަށް ނުދިޔައެވެ. އަދި ދައުރު ފަށައި ބޭއްވި ދެ ޖަލްސާގެ އެޖެންޑާގައި އޮތީވެސް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން އެކަނި ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގޮސް މަޖިލިސް އަދިވެސް އޮތީ ހުއްޓިފައެވެ.
އިދިކޮޅުން ތުހުމަތުކުރަނީ ސަރުކާރު މެންބަރުން މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރުން އަންގައިގެން ކަމަށެވެ. ސަރުކާރު މެންބަރުން ތުހުމަތުކުރާ ގޮތުގައި މަޖިލީހުގެ ރިޔާސަތުން މަޖިލިސް ހުއްޓުވާފައި ވަނީ ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ.