މީގެ ފަސް އަހަރު ފަހުން ދައުލަތުން ހުށަހަޅާ ބަޖެޓަކީ އަރަނި ބަޖެޓަކަށް ވެގެން ދާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަނި 100 ބިލިއަން ހުރަސްކުރި އިރު، މި އަހަރު ނިމުމުގެ ކުރިން 120 ބިލިއަން ރުފިޔާ އަށް ދަރަނި އިތުރުވެގެން ދާނެ ކަމަށް، އޭރުގެ ފިނޭންސް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން މައި އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ މީގެ ކުރިން ލަފާކުރައްވައިފައެވެ.

ތ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގާދިއްފުށީގެ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ރައްޔިތުންނަށް ކަންކަން ކޮށްދޭން ސަރުކާރުން ވައުދުވާއިރު، ދައުލަތަށް ފައިސާ ވަންނާނެ ގޮތްތައް ހޯއްދަވަމުން ގެންދަވާ ކަމަށެވެ. ރައީސް ވިދާޅުވީ، އާރުޓީއެލް ފެރީގެ ހިދުމަތް ހުރިހާ އަތޮޅަކަށް ތައާރަފްކުރެވި، އެއާޕޯޓުތައް އެކި ސަރަހައްދުތަކުގައި ތަރައްގީކުރެވުމުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެން ދާނެ ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ:

  • 2028 އިން ފެށިގެން ރާއްޖޭގެ އިގްތިސޯދު ދެގުނަކޮށް 170 ބިލިއަން ރުފިޔާ އަށް އިގްތިސޯދު ގެންދެވޭނެ
  • ދައުލަތަށް ވަންނަ އާމްދަނީ 45 ބިލިއަން ރުފިޔާ ހުރަސްކޮށް 50 ބިލިއަނަށް އަރާނެ
  • 2028 ވަނަ އަހަރު ހުށަހަޅާ ދައުލަތުގެ ބަޖެޓަކީ އަރަނި އަދި ހަމަހަމަ ބަޖެޓަކަށް ވާނެ

ބައެއް މަޝްރޫއުތައް ނިންމަން އަދި ދެ ތިން އަހަރު ބޭނުންވާ ކަމަށާއި، ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ބައެއް މަޝްރޫއުތައް މަޑުޖެހުމުން ކަމަށް ވިދާޅުވިއެވެ.

އެއާއެކު ކުރިއަށް އޮތް ދައުރުގައި ގާދިއްފުށްޓަށް ކޮށްދެއްވާނެ ބައެއް ކަންކަން ރައީސް ހިއްސާކުރެއްވިއެވެ. އެގޮތުން:

  • އެ ރަށަށް ބިން އިތުރުކޮށް ބޯހިޔާވަހިކަން ހައްލުކުރުން
  • ކައިރީގަ އޮތް އުސްފުށި ޕިކްނިކް އައިލެންޑެއް ގޮތުގައި ތަރައްގީކުރުން
  • ފަސޭހައިން މޫދަށް އެރެެވޭ ސަރަހައްދެއް ތަރައްގީކުރުން
  • ހެލްތު ސެންޓަރަށް ބޭނުންވާ އެކްސްޓެންޝަން އިމާރާތެއް އަޅައި ހިދުމަތް އިތުރުކުރުން
  • ވޮލީ ކޯޓަކާއި އައުޓްޑޯ ޖިމެއް ގާއިމްކުރުން

މި ކަންކަން ކުރެވޭނީ އެމަނިކުފާނު އިތުރު ދައުރަކަށް ހޮވައިދިނުމުން ކަމަށް ވިދާޅުވިއެވެ.