މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ބޭނުމަށް ހަރުކޮށްފައިވާ ކެމެރާތަކާއި ބްރިޖް ޓްރެފިކް ލައިޓްގެ ވިއު ނުގެއްލޭނެހެން ކެމްޕެއިން ކުރުމަށް ބޭނުންކުރާ ތަކެތި ހަރުކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މާލެސިޓީގެ އެކި ސަރަހައްދުތަކުގައި، ފުލުހުން ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާތަކުގެ އިތުރުން މާލެސިޓީގެ މަގުތަކާއި، ބްރިޖުގައި ބަހައްޓާފައިވާ ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭގޮތަށް، ރިޔާސީ ކެންޑިޑޭޓުންގެ ކެންޕެއިން ތަކެތި ބަހައްޓަމުން ގެންދާކަމަށް އެ ކޮމިޝަނަށް ފާހަގަވެފައިވާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށެވެ.

އަދި އެފަދައިން ހަރުކޮށްފައިވާ ތަކެތި ނެގުމަށް 24 ގަޑިއިރުގެ މުހުލަތެއް ޕާޓީތަކަށް ދީފައި ވާއިރު މީގެ ކުރިން ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންނާއި އީސީ އަދި، ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައިވެސް މި ވާހަކަތައް ހިއްސާ ކުރައްވާފާއި ވާނެ ކަމަށް ހަބީބް ވިދާޅުވެފައި ވެއެވެ. އަދި އެފަދަ ގަވާއިދާ ހިލާފު އަމަލުތައް ޕާޓީތަކުން ތަކުރާރު ނުކުރުމަށް ވެސް ހަބީބް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުންވެސް ކެމްޕެއިން ކުރުމަށް ބޭނުން ކުރާ ތަކެތި މަގުތަކާއި، އިމާރާތްތަކުގައި ހަރުކުރާނަމައީ ހުއްދަ ނަގަންޖެހޭ އިދާރާތަކުން ހުއްދަ ނަގައިގެން ކުރުމަށް އެދިފައި ވެއެވެ. އަދި ގަވާއިދާ ހިލާފަށް ސިޔާސީ ޕާޓީތަކުން ކުރާ ކަންކަން ހުއްޓުވުމަށް ފުލުހުން ބޭނުން ކުރުމަކީ އެ ކޮމިޝަނުން ބޭނުންވާ ގޮތް ނޫން ކަމަށް ވެސް ހަބީބް ވިދާޅުވެފައި ވެއެވެ.

މީގެ ކުރިންވެސް އިންތިހާބީ މަރުކަޒު ކަމަށްވާ ދަރުބާރުގެ އަދި ޕޯޓް ކޮމްޕްލެކްސް އިމާރާތުގައި ހުންނަ، އީސީގެ މައި އޮފީސް ސަރަހައްދުގައި ކެމްޕެއިން ބެނާ އަދި ދިދަ ނުދަމަން އިލެކްޝަނުން އަންގާފައި ވެއެވެ. އަދި މާލޭ ބޮޑުތަކުރުފާނު މަގުގައި ހުރި ކަދުރު ރުއްތަކުގައި ދަމާފައިވާ ބެނާތައް ނެގުމަށް މާލޭ ސިޓީ ކައުންސިލުންވެސް ވަނީ ޕާޓީތަކަށް އަންގާފައެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ 8 ކެންޑިޑޭޓުން ވެސް އަންނަނީ ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން ކެމްޕެއިން ބެނާތަކާއި ދިދަތައް މާލޭގެ ވެސް އެކި ސަރަހައްދުތަކުގައި ދަމާފައި ވާއިރު ކެމްޕެއިން ދަތުރުތަކުގައި ހުރިހާ ކެންޑިޑޭޓުން ވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަމުންނެވެ.

ކުރިއަތް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 ލިބިގެންވެއެވެ. އޭގެތެރޭގައި މި އަހަރު މުޅިން އަލަށް 21،000 ޒުވާނުން ހިމެނޭ ކަމަށް އީސީއިން ބުނެއެވެ.