އެމްޑަބްލިޔުއެސްސީއިން ހުޅުމާލޭގައި 3000 ޓަނުގެ ފެން އުފެއްދޭ އިތުރު އާރްއޯ ޕްލާންޓެއް ގާއިމްކޮށް ފެން އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

މި ޕްލާންޓުން ފެން އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ ހުޅުމާލޭގައި ގާއިމް ކުރި މި އާރްއޯ ޕްލާންޓަކީ އެމްޑަބްލިޔުއެސްސީގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭ ސަރަހައްދުގެ ރައްޔިތުންނަށް، ފޯރުކޮށްދެމުންދާ ފެނުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށެވެ.

މި ޕްލާންޓުން 3,000 ޓަނުގެ ފެން އުފެއްދޭއިރު މި ޕްލާންޓާއެކު ހުޅުމާލޭގައި ދުވާލަކު ފެން އުފެއްދޭ މިންވަރު ކުރިއާއި އަޅާބަލާއިރު އެތައްގުނަ އިތުރުވެ، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެެވެ.

މި ޕްލާންޓުން ފެން އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓާ ހަސަން ޝާހު ވިދާޅުވީ މާލޭ ސަރަހައްދުގައި އިތުރުވަމުންދާ އާބާދީއަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމަކީ އެ ކުންފުނީގެ އަމާޒަށްވީއިރު، އެކަން ޔަގީންކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން، މާލޭގެ އޮޕަރޭޝަން ސެންޓާ ޑިސެންޓްރަލައިޒްކޮށް، ފެން އުފައްދަމުންދާ މައި އިމާރާތުގެ އިތުރުން، 2 ސަރަހައްދެއްގައި ފެން ޕްލާންޓް ބަހައްޓައި ފެން އުފައްދަމުން އަންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހަސަން ޝާހު ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކޮ ގުޅާލުމަށްޓަކައި، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، މާލޭ އެސްޓީއޯގެ ރެޑިމިކްސް ސަރަހައްދުގައި 13,000 ޓަނުގެ 2 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި، ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އޮޕާޝަން ސެންޓަރުގައި 10,000 ޓަނުގެ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަން ހަސަން ޝާހު ފާހަގަކުރެއްވިއެވެ.