މަލާމާތާއި ފުރައްސާރަކުރަނީ އޭނާ ދެކެ ބިރުގަންނާތީ ކަމަށާއި އެހެން ނަމަވެސް އެކަމަށް ފަރުވާލެތް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގެ ތެރެއިން އެއަތޮޅު ހަންޏާމީދުއަށް ވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

ގާސިމް ވިދާޅުވީ، މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމަކީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އާދަކަމަށާއި މީހަކު އެމަނިކުފާނަށް ޖެއްސުންކޮށް މަލާމާތް ކޮށްފާނެތީ ނުވަތަ ފުރައްސާރަ ކޮށްފާނެތީ ކަންބޮޑުވެ ވަަޑައި ނުގަންނަވާ ކަމަށެވެ.

މިސާލެއް ދެއްވަމުން ގާސިމް ވިދާޅުވީ، އަނބުގަހެއްގައި އަނބުއަޅައި ފުރިފައި ހުރިނަމަ ގަޅި އުކާނެ ކަމަށާއި ހުސްފަތް ހުރި ގަހެއް ނަމަ ގަޅި އުކާނެ މީހަކު ނުވާނެ ކަމަށެވެ. އަދި މިހާރު އޭނާއާ ދިމާލަށް ގަޅި އުކަނީ ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމުން ބަޔަކު ޖެހިލުންވެ ބިރުގަންނާތީ ކަމަށާއި ނަމަވެސް އެއްވެސް ފަރުވާލެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.

އިންސާނިއްޔަތަށް މަސައްކަތް ކުރުމުގެ ރޮނގުން ކަމަށް ވިޔަސް، ސިޔާސީ ގޮތުން ވިޔަސް، އަދި އެހެން އިޖްތިމާއީ ރޮނގުން ބެލިކަމުގައި ވިޔަސް، އޭނާއަށް ވުރެ ބޮޑަށް ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ނެތްކަން ދިވެހިން ގަބޫލް ކުރާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ކޮންމެ ރަށަކުން ވެސް އިންތިހާބުގައި އޭނާއަށް މެޖޯރިޓީ ލިބިވަޑައިގަންނަވާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ގާސިމް ވަނީ، ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ސާފު ރިކޯޑެއް އޮތް ވެރިއަކީ ކޮބާތޯ ބެލުމަށް، ތަކުރާރުކޮށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ސެޕްޓެމްބަރު 9ގައި އޮންނަ އިންތިހާބުގައި ވޯޓު ދޭއިރު ކޮންމެ ކެންޑިޑޭޓެއްގެ މާޒީއަށް ބެލުމަށްފަހު ވޯޓު ދިނުމަށްވެސް ގާސިމް އެދިވަޑައިގެންނެވިއެވެ.