ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 15 އަަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ސައުތު ޕޮލިސް ޑިވިޝަން (ގއ.، ގދ.، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) ހިމެނޭ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 59 އަހަރުގެ ދިވެހި ފިރިހަނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މި މަހުގެ 24 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 4 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން އެ ކުއްޖާގެ އަތޮޅާއި ރަށް ހާމަކޮށްފައެއްނުވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން މި ހަދިސާ ހިނގާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.