އަންނަ ރިޔާސީ އިންތިހާބަށް އެމްޑިޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވަމުން ގެންދަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.
ނަޝީދު މިހެން ވިދާޅުވެފައި މި ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމެކްރެޓްސް އާ ގުޅިވަޑައިގަތުމަށް ފަހު ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަނެއްކާ ވެސް އެމްޑީޕީއާ ގުޅިވަޑައިގަތް ވަގުތެއްގައެވެ. ޑިމޮކްރެޓްސް ދޫކުރައްވައި ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނީ ރޭގެ ވަގުތެއްގައެވެ.
ނަޝީދު ވިދާޅުވީ، ރައީސް ސޯލިހް ގެންދަވަނީ ބިރެއްނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށާއި އެކަމުން ވާނެ މޮޅެއް ނޯންނަވާނެ ކަމަށެވެ. ވިއްޔާ ވާނީ ފަޟީހަތް ކަމަށް ވިދާޅުވެ ނަޝީދު އިންޒާރު ކުރެއްވިއެވެ. ނަމަވެސް ރިޝަވަތުގެ ގޮތުގައި އެ މެންބަރުންނަށް ހުށަހެޅީ ކޯއްޗެއް ކަމެއް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ.
ދަ ޑިމޮކްރެޓްސް އިން ޝިޔާން ވަކިވެވަޑައިގެންފައިވާ އިރު މީގެ 10 ދުވަސް ކުރިން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށީގެ މުޅި ކައުންސިލް އެއްކޮށް ހެން ވަނީ އަލުން އެމްޑީޕީ އަށް ސޮއިކުރައްވާފައެވެ. މި ޓީމަކީވެސް ޑިމޮކްރެޓްސް އުފުދެނުތާ ކައިރީގައި ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި ޓީމެކެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގެންނެވި ރައީސް ނަޝީދަށް ތާއީދު ކުރައްވާ، އެމްޑީޕީގެ 12 މެންބަރަކު އެ ޕާޓީ ދޫކުރައްވައި ސިޔާސީ ޕާޓީ އެއް އުފައްދަވާފައި ވާއިރު އެ މެންބަރުން އެގޮތަށް ނިންމެވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރަން މިދިޔަ މޭ މަހުގެ ފަހުކޮޅު އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމުމުންނެވެ. އެ މެންބަރުންގެ ތެރޭގައި ޝިޔާން އާއި ޔާސިރު ވެސް ހިމެނިވަޑައިގަންނަވައެވެ.
މި ދެ ބޭފުޅުން ވެސް އެމްޑީޕީ އާ ގުޅިވަޑައިގަތީ ޑިމޮކްރެޓްސްގެ ހަރަކާތްތަކާ ދުރުގައި އުޅުއްވާތާ ދުވަސްތަކަކަށް ފަހުގައެވެ. އެމްޑީޕީއަށް މެންބަރުން ގުޅެނީ ރައީސް ސޯލިހް ރިޝްވަތު ދެއްވައިގެން ކަމަށް ނަޝީދު ތުހުމަތު ކުރެއްވި ނަމަވެސް ޝިޔާން އާއި ޔާސިރުގެ ތެރެއިން ޝިޔާން ވިދާޅުވެފައި ވަނި ރައްޔިތުންގެ ވިންދު ހުރި ގޮތަށް ދީލައިލެއްވީ ކަމަށެވެ.
ޑިމޮކްރެޓްސް އުފައްދަން ވަކިވެވަޑައިގެންނެވި 12 މެންބަރުންގެ ތެރެއިން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވެސް މިހާރު އެ ހަރަކާތްތަކުގައި އުޅުއްވާތީއެއް ނުފެނެއެވެ.
'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުން ބޮންޑޭ ހިތްހަމް ނުޖެހިފައި ވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ނަޝީދު ވަޑައިނުގަތުމުންނެވެ.