އއ. އުކުޅަހުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައި، ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ނޮވެމްބަރު 10، 2020 ގައި އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން، ބަނދަރު ތަރައްގީ ކުރުމަށް ވެސް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެމްޓީސީސީން އެންމެ ފަހުން ބުނީ އުކުޅަހުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 72 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ، އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައި، އެ ކުންފުނިން މިދިޔަ މަހު ގެނައި އާ ޑްރެޖަރު ކަމަށްވާ ފިލީޕޯ ބްރޫނެލޭސްކީ މިހާރު ވަނީ ބޮޑުފުޅުދޫގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށްޓަކައި އެ ރަށުގައި މޮބިލައިޒްކޮށްފައި ކަމަށެވެ.

ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރީ ޖެނުއަރީ 31، 2021 ގައެވެ. އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނީ 8 ހެކްޓަރު ބިން ހިއްކުމާއި، 1052 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 180 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 110 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން ކަމަށް ޕްލޭނިން މިނިސްޓްރީން އޭރު ބުންޏެވެ.

78.5 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އަށް އެ މަޝްރޫއު ހަވާލުކުރީ އެއް އަހަރު ދުވަހުގެތެރޭ ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނާ ގޮތުން، އެ ކުންފުނިން މިހާރު ބޭނުން ކުރަމުންދާ މަހާ ޖައްރާފަށް ހަތަރު ދުވަހުން ހިއްކޭ ސަރަހައްދު "ފިލީޕޯ ބްރޫނެލޭސްކީ" އަށް އެއް ދުވަހުން ހިއްކޭނެއެވެ. އެހެންކަމުން މި ޑްރެޖަރާއެކު ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.