ރ. ރަސްމާދޫ އިންޖީނުގޭގެއާއި އޮފީސް އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.

ރައީސް ސޯލިހު އެ އިމާރާތް ހުޅުވައިދެއްވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. އަތޮޅަށް ކުރައްވި ދަތުރުފުޅުގައި އިއްޔެ ރަސްމާދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ފެނަކައިން ބުނީ ރަސްމާދޫ ކުރިން ބޭނުންކުރި އިންޖީނުގޭއާއި އޮފީސް އިމާރާތަށް 19 އަހަރު ވެފައިވާ ކަމަށާއި އެތަން ބޭނުން ކުރީ ކުޔަށް ނަގާފައިވާ އިމާރާތެއްގައި ކަމަށެވެ.

މީގެ ކުރިން އެ ރަށުގެ އިންޖީނުގޭގެ އޮފީހުގައި 5 މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް މިހާރު 30 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ރަސްމާދޫގައި ކުރިން ހުރި އިންޖީނުގޭގައި ހުރީ ޑެގް ރޫމާއި ކޮންޓްރޯލް ރޫމާއި ސްޓޯއެކެވެ. އަދި މިހާރު އޮފީސް އިމާރާތުގައި ސްޓޯއަކާއި ވޯކްޝޮޕާއި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމާއި ފިއުލް ޓޭންކާއި ޗިމްނީ އަދީ ޕޭންޓްރީ ހިމެނެއެވެ. އަދި ކުރިން ހުރި އޮފީސް އިމާރާތުގައި ސްޓޯރާއި ސްޓާފް އޭރިޔާ ހިމެނޭއިރު މިހާރު ހުރި އޮފީސް އިމާރާތުގައި ރިސެޕްޝަނާއި ލޮބީއާއި މެނޭޖަރު ރޫމާއި ޕޭންޓްރީއާއި ފާހާނާއާއި މީޓިން ރޫމާއި ގެސްޓްރޫމް އަދި ސްޓޯއެކެވެ.

ފެނަކައިން ބުނީ ކުރިން އެ ރަށުގެ އިންޖީނުގެ ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށާއި މީހުން އެ އިމާރާތް ހުރީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށެވެ. އަދި ކުރިން ރަސްމާދޫ އިންޖީނުގޭގައި ހުރި 653 ކެޕޭސިޓީގެ ޖެންސެޓް މިހާރު ވަނީ 795 ކިލޯވޭޓްގެ ޖެންސެޓަކަށް ބަދަލުކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ.