ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭ "މޯލްޑިވްސް އިންސްޓެންޓް ޕޭމަންޓް ސިސްޓަމް" ތައާރަފް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރު ވަމުންދާ ކަމަށް އެބޭންކުން ބުނެފިއެވެ.

އެމްއެމްއޭއިން ތައާރަފް ކުރާ މި ސިސްޓަމާއެކު ފައިސާގެ މުއާމަލާތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެކަން ފާހަގަކޮށް އެމްއެމްއޭ އިން ބުނީ މި ސިސްޓަމް ތައާރަފް ކުރުމުން ފައިސާގެ މުއާމަލާތްތައް އަވަސްވެ ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް އެއް ބޭއްކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭނެ ކަމަށެވެ.

ބޭންކު މެދުވެރިކޮށް ވަގުތުން ވަގުތަށް ފައިސާ ފޮނުވާނަމަ މި ވަގުތު އެ ހިދުމަތެއް ލިބެނީ ފޮނުވާ އެކައުންޓާއި ލިބޭ އެކައުންޓު އެއް ބޭންކެއްގެ އެކައުންޓަކަށްވާ ނަމައެވެ. ނަމަވެސް މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ކުރެވޭ ކޮންމެ މުއާމަލާތެއް ވެސް ވަގުތުން ވަގުތަށް ޕްރޮސެސްވެ ފައިސާ އެކައުންޓަށް ޖަމާވާނެ ކަމަށާއި މި ސިސްޓަމްގައި ކުރެވޭ ފައިސާގެ މުއާމަލާތްތަކަކީ ބަންދު ގަޑިއަކަށް ނުވަތަ ހަފްތާ ބަންދަކަށް ނުހުއްޓޭނެ މުއާމަލާތްތަކެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ ބޭންކިންގެ ފުރިހަމަ ހިދުމަތް ލިބިފައިނުވާ ގިނަ ރަށްތަކެއް ހުރިއިރު މި ސިސްޓަމުން ފަހިކޮށްދޭ ހިދުމަތްތަކުގެ ސަބަބުން، މާލީ މުއާމަލާތްތައް ކުރުމަށް އެއްރަށުން އަނެއް ރަށަށް ކުރާންޖެހޭ ދަތުރުތަކުން އަރައިގަނެވި ރަށުގައި ތިބެ މުއާމަލާތްތައް ނިންމައިލެވޭނެ ކަމަށެވެ. އެގޮތުން ފައިސާ ހޯދުމަށް ފޮނުވާލެވޭ ރިކުއެސްޓުތަކާއި ކަސްޓަމަރުންނަށް ފަސޭހައިން އެކްސަސްވެވޭނެ ގޮތަށް އިންޓަނެޓް ބޭންކިން އަދި މޯބައިލް ފޯނުގެ ޒަރީއާއިން ވަގުތުން ފޮނުވާލެވޭ ޕޭމަންޓްތައް މި ސިސްޓަމްގައި ވަނީ ހިމަނާފައެވެ.

މި ސިސްޓަމް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތް ކުރެވޭނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން، މިފަދަ ސިސްޓަމްތަކުގައި ބޭނުންކުރާ ސަލާމަތީ ކަންކަން ކަށަވަރު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިންކަމަށާއި ފައިސާގެ މުއާމަލާތެއް ކުރުމާއެކު ފޮނުވި ފަރާތާއި ޖަމާވި ފަރާތަށް ވެސް ވަގުތުން ނޮޓިފިކޭޝަނެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. ރައްކާތެރިކަން ޔަގީން ކުރެވިފައިވާ މިފަދަ ސިސްޓަމެއް މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުމުން، ނަގުދު ފައިސާ އާއި ޗެކު ފަދަ ވަސީލަތްތައް ބޭނުންކުރަން ޖެހޭ މިންވަރު މަދުވެ އަދި ދިމާވަމުންދާ ހިރާސްތައް ނެތިގެންދާނެ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

މި ސިސްޓަމް ގާއިމުކޮށް ހިދުމަތައް ހުޅުވާލުމާއެކު ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމުގައްޔާއި ވިޔަފާރި މުއާމަލާތްތަކުގައި ޒަމާނީ ޕޭމަންޓްސް އެޕްފަދަ ވަސީލަތްތައް މެދުވެރިކޮށް ސީމްލެސް ޓްރާންސެކްޝަންތައް ހެދޭނެ ފަދަ ހިދުމަތްތައް ތައާރަފްކުރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އަދި ބޭންކު އެކައުންޓެއް ނެތް ފަރާތްތަކަށް ވެސް ފައިސާގެ މުއާމަލާތް ކުރުމުގެ މަގު ފަހިވެގެންދާއިރު އެ ދަރާތްތަކަށް މި ސިސްޓަމް މެދުވެރިކޮށް ސިސްޓަމްގައި ބައިވެރިވާ ފަރާތެއްގެ ޑިޖިޓަލް ވޮލެޓް ނިޒާމު ބޭނުންކޮށްގެން ބޭންކު އެކައުންޓުތަކަށް ވެސް ފައިސާ ފޮނުވުމުގެ އިތުރުން އެ ބޭންކުތައް މެދުވެރިކޮށް ފޮނުވާ ފައިސާ ލިބިގަނެ، ވިޔަފާރިތަކަށާއި އެކިއެކި ހިދުމަތްތަކަށް ފައިސާ ދެއްކުން ފަދަ ކަންކަން ކުރެވޭނެއެވެ.

މި ސިސްޓަމްގެ ހިދުމަތް ފަށާއިރު މި ވަގުތު ސިސްޓަމްގައި ބައިވެރިވެ ޓެސްޓުތައް ކުރަމުންދަނީ 3 ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ. އެހެނިހެން ބޭންކުތަކުން ވެސް މި ސިސްޓަމްގައި ބައިވެރިވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނައިރު މިހާރު ކުރިއަށް ދަނީ މި ސިސްޓަމްގެ އެންމެ ފަހުގެ ޓެސްޓުތައް ހެދުމުގެ މަރުހަލާއެވެ.