ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލުގައި ހުންނެވި ނަމަވެސް އެއްވެސް ގައުމަކުން އެކަމާ ދޭތެރޭގައި ސުވާލު ނުކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރ. އިނގުރައިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހެޔޮވެރިކަމެއްގައި ހާރިޖީ ސިޔާސަތަކީ ވަރަށް މުހިއްމު އެއްބައި ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކާ އެކަހެރި ވެ އޮވެގެން މިއަދު އެއްވެސް ގައުމަކަށް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. އަދި މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އަދި ތަރައްގީ، ބާރު ސްޕީޑްގައި ކުރިއަށް ގެންދަން ބޭނުންނަމަ އިތުބާރު ހިފޭ ގުޅުމެއް ގައުމުތަކާއެކު ބާއްވަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގެ ވިސްނުން މުޅިން ތަފާތު ކަމަށާއި ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އެކަން ވިސްނައިދީ މުޅިން އެކަހެރިވެ، ވަކިވެގަތުމުގެ ސިޔާސަތެއް ގެންގުޅެން ކަމަށާއި މިއީ ބައެއް ވެރިން ކަންކުރަމުންދާ ގޮތް ކަމަށެވެ. އަދި މިއަދު ޒަމާން ބަދަލުވެފައި ވާއިރު ދުނިޔޭގެ ގައުމުތަކާއެކު އެކަހެރިކޮން ނުތިބެވޭނެ ކަމަށާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާ ވެސް ގުޅުން ބަދަހިކުރަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދު އދ ގެ 185 ގައުމާއެކު ގުޅުން ބަދަހި ކޮށްފައިވާ ކަމަށާއި ވިސާ ނެގުމަކާ ނުލައި 89 ގައުމަކަށް ދިވެގިންނަށް ދަތުރު ކުރެވޭނެ ކަމަށެވެ. އަދި މިއަދު އެންމެ ވަރުގަދަ ޕާސްޕޯޓަކީ ދިވެހި ޕާސްޕޯޓް ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތްތަނުގައި އެ ސިޔާސަތު އެހެން ދަމަހައްޓަވާނެކަން ހާމަ ކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި އެކި ޖަމާއަތްތަކުގައި ބަސްބުނުމުގެ ފުރުސަތު ލިބިއްޖެ ކަމަށާއި އެހެނަސް އިސްލާމީ ގައުމުތަކާއެކު މިހާރު އޮތް ގުޅުން ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އަދި މީގެ ކުރިން ލޯނެއް ނަގަން ދިޔަޔަސް ގައުމުގެ އެތެރޭގައި އޮތް ހާލަތާއި ގައުމުތަކާ އޮންނަ ގުޅުމާމެދު ސުވާލު އުފައްދާ ކަމަށާއި އެހެންނަމަވެސް އެކަހަލަ އެއްވެސް ދައްޗެއް މިހާރު ކުރިމަތި ނުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް އެކަމާ އެއްވެސް ސުވާލެއް އެއްވެސް ގައުމަކުން މިހާތަނަށް ނުކުރުމުން އެނގެނީ ރާއްޖޭގެ ސިޔާސަތު ގައުމުތަކުން ބަލައިގެންފައިވާ މިންވަރު ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބައެއް ރަށްރަށަށް އަރާ ބޭރު ގައުމުތަކުގެ ސިފައިން އެރަށުގައި ގިނަ އަދަދަކަށް ތިބިކަން ހާމަވާ މޭރުމަކުން އެކިއެކި ބޭފުޅުން ވާހަކަ ދައްކަވާ ކަަމަށާއި އެފަދަ މަންޒަރެއް އެއްވެސް ރަށަކުން ފެނިވަޑައި ނުގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވަނީ އިނގުރައިދޫގެ ބޯހިޔާވަހިކަން ހައްލުކުރަން ހައުސިން ޔުނިޓު އެޅުމާއެކު ބަނދަރުގެ ނެރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމާއެކު އާ ބަނދަރެއް ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށުގެ އިރުމަތީކޮޅުން ބިން ހިއްކާ ދޯނި އެހެލާ ސަރަހައްދެއް ހައްދަވައި ދެއްވާނެ ކަމަށާއި ކައުންސިލްގެ އާ އިމާރާތް އެޅުމާއެކު ހޭންޑް ބޯލް އައުޓްޑޯ ކޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.