ރ. ދުވާފަރުގެ ރައްޔިތުން އެދުނު އެއާޕޯޓާ ގުޅިގެން ވާހަކަދައްކާ ގޮތް ނިންމާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދުވާފަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ސޯލިހު ވިދާޅުވީ ދުވާފަރަށް ކުރިން ވެސް ވަޑައިގެންނެވުނު ކަމަށާއި އެ ދުވަހަށް ވުރެ މިއަދުގެ ފޯރި ގަދަ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ 2018 ގައި ރިޔާސީ އިންތިހާބަށް ނިކުނެވަޑައިގަތީ ޖަޒީރާ ތަރަށްގީގެ މެނިފެސްޓޯއާއެކު ކަމަށާއި ކޮންމެ ރަށަކަށް ބެލިޔަސް އެ މެނިފެސްޓޯ ތަންފީޒު ވެގެން ދާތަން ފެންނާނެ ކަމަށެވެ. އަދި އެ ދުވަހު ވައުދު ވެވަޑައިގެން ގޮތަށް ވައުދުތައް ފުއްދަމުންދާ ކަމަށާއި އެކަން ދުވާފަރުންވެސް ފެންނާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ދުވަހު އެދުނީ ރަށުގެ ބިން ހިއްކަން ކަމަށާއި މިއަދު 22.2 ހެކްޓަރު ބިން ހިއްކާ ނިމިއްޖެ ކަމަށާއި ވައުދު ބަރާބަރަށް އަކުރުން އަކުރަށް ފުދިއްޖެ ކަމަށެވެ. އަދި މިއަދު ދުވާފަރުގެ ރައްޔިތުން ބޭނުމީ ބޯހިޔާވަހިކަން ކަމަށާއި އިން ކަނޑާ ގޯތި ދީ ފަތް ރައްޔިތުންނަށް ފޯރުކޮށްދޭން ކަމަށާއި އެކަންވެސް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެއާއެކު ފްލެޓާއި ރޯ ހައުސްވެސް އަޅައިދެއްވާނެ ކަމަށާއި އެދުނު ގޮތަށް ރަށުގައި ފަށާފައިވާ 5.7 ކިލޯމީޓާރުގެ މަގުތަކުގައި ތާރު އަޅާ ނިންމައިދެއްވާނެ ކަމަށެވެ. އަދި ދެން ބާކީ މަގެއް ތާރު ނާޅާ އޮތް ނަމަ އެކަންވެސް ކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ދުވަހު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ސަރުކާރު ހިންގަމުންދާ ކަމަށާއި ކޯލިޝަންގައި ހިމެނޭ މީހުންގެ ލަފައާ އެެއްގޮތަށް އެކަން ކުރަމުންދާ ކަމަށާއި ވައުދު ފުއްދަމުންދާ ކަމަށެވެ. އަދި އިދިކޮޅަށް އެކަން ނުވީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުމުން ކަމަށާއި ދައުލަތުގެ މުދާ ވިއްކާފައި ލިބުނު ފައިސާ އެކައުންޓަށް ޖަމާކުރުމުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ވާދަވެރި ކެންޑިޑޭޓުން ރުޅި އިސްނުކޮށް ވިސްނުން އިސްކުރެއްވުމަށް ގޮވާލައްވައި ފުރުސަތު ނުގެއްލޭ ކަމަށާއި ގިނަ ބަޔަކު ހިމެނޭ ކޯލިޝަނާއެކު ކުރިއަށްދާން ތައްޔާރު ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު މިއަދު ދުވާފަރަށް ވަޑައިގަތުމުން ސިއްރު ސިއްރުންވެސް ބައެއް މީހުން އެދެމުން ދިޔައީ އެއާޕޯޓަކަށް ކަމަށެވެ. އަދި ޕްލޭނިން މިނިސްޓަރާއި ޕޮލިސީ ޓީމާއެކު މަޝްވަރާ ކުރައްވައިފި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެއާއެކު އުންމީދު ގެއްލުވާނުލާ އެ އުންމީދުގައި ކުލަޖައްސަން ކުރަން ޖެހޭ ކަންކަން ކުރަން ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ދުވާފަރު ސިއްހީ ހިދުމަތް ހޮސްޕިޓަލަކަށް ބަދަލުކުރުމާއެކު ސްކޫލަށް އާރްޓީއެލް ބަހުގެ ހިދުމަތް ފެށުމާއި މަސް ޕްރޮސެސް ކުރެވޭނެ ގޮތާއި ގިނަ ދުވަހު މަސް ރައްކާތެރި ކުރެވޭނެ ހިދުމަތް ފައްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދުވާފަރާ އިފުރާ ދޭތެރޭ ލޯންޗެއްގަ 10 މިނެޓު ކިރިޔާ ވަނީ. އެންމެ ރަށެއް ދޫކޮއްފަ އިފުރު އެއޮތީ. ނުބުނާނެ އެއާޕޯޓަކަށް، ބުނިއްޔާ ބޯ ހަމަ ޖެހޭ މީހެއް ނޫން އެހެން ބުނީކީ. އެވާހަކަ ހަގީގަތް ބަލާނުލާ ދައްކާނީވެސް އެވަރު މޮޔައެއް