ގދ. ގައްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ހޯދަމުން ދިޔަ 2 ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީ ދިނުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކޮށް އެ ރަށުގެ ރައްޔިތުން އިހުތިޖާޖު ކުރަން ފަށައިފިއެވެ،

މި ކަމާ ގުޅިގެން "ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ގައްދޫ ކައުންސިލް މެންބަރު އަލީ އަބްދުﷲ ވިދާޅުވީ މުއްދަތު ހަމަވެފައިވާ އައިވީ އެ ރަށު މަރުކަޒުން ދީފައި ވަނީ 2 ކުޑަކުދިންނަށް ކަމަށެވެ. އަދި މިހާތަނަށް 2 ކުދިންގެ ހާލުވެސް ރަނގަޅު ކަމަށާއި އެ ކުދިންނަށް އައިވީ ދިންތާ އަދި މާ ގިނަ އިރެއް ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ ޖުލައި މަހަށް އެ އައިވީތައް މުއްދަތު ހަމަވެފައިވާކަން އެނގުނީ އައިވީގެ މެދާ ހިސާބަށް ދިޔަ ފަހުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އައިވީ ދިންތާ އަދި ގަޑިއިރެއް ވެސް ނުވެއެވެ.

އަލީ އިތުރަށް ވިދާޅުވީ އަދިވެސް އެއް ކުއްޖަކަށް އައިވީ ގުޅާފައިވާ ކަމަށާއި އެ ކުއްޖާއަށް ލިބޭ ގެއްލުމަށް މަރުކަޒުން ޒިންމާވާނެ ކަމަށް މަރުކަޒުން ލިޔުމެއް ދީގެން މެނުވީ އައިވީ ނައްޓާލަން އެ ކުއްޖާގެ އާއިލާއިން ބޭނުންނުވާ ކަމަށެވެ.

މިހާރު ވެސް ގައްދޫގެ ހުރިހާ ރައްޔިތުންހެން މަރުކަޒުގެ ބޭރުގައި އެކަމާ ގުޅިގެން ނުރުހުން ފާޅުކޮށް އަންނަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

އާންމުވެފައި ވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބައެއް މީހުން ސިއްހީ މަރުކަޒުގެ ތެރެއަށްވެސް ވަނީ ވަދެފައެވެ. އަދި އެމީހުން ދުރުކުރަން ފުލުހުން ހަރަކާތްތެެރިވާތަން ވެސް ވީޑިއޯ އިން ފެނެއެވެ.