ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއެއް މާލޭގައި ބޭއްވުމަށް ސިޓީ ކައުންސިލުން ހުރަސް އަޅަމުންދާ ކަމަށް، ރައީސްގެ ކެމްޕެއިން ސްޕޯކްސްޕާސަން މާރިޔާ އަހްމަދު ދީދީ ތުހުމަތު ކުރައްވައިފިއެވެ.
ސޯލްޓް އިމާރާތުގައި ހުންނަ ރައީސްގެ ކެމްޕެއިން އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މާރިޔާ ވިދާޅުވީ، އެމްޑީޕީގެ ޖަލްސާ އެއް ބޭއްވުމަށް އެދި ހުއްދަ ދިނުމަށް ދެ ފަހަރެއްގެ މަތިން ސިޓީ ކައުންސިލްގައި އެދުނު ނަމަވެސް، ކައުންސިލުން އެކަމަށް ހުރަސް އަޅާފައިވާ ކަމަށެވެ.
"ފުރަތަމަ ފަހަރު ވެސް އެހެން ކަމެއް އޮތޭ ކިޔާފަ ނުދެއްވި، އަނެއްކާ ވެސް އެދުނީމަ އެ ރޭ އެހެން ބަޔަކު ހިފާފައޭ ވިދާޅުވާއިރު، އެތާ އެތެރޭގަ އުޅުއްވާ ކައުންސިލަރުން އެބަ އަޅުގަނޑުމެން ކައިރީގަ ވިދާޅުވޭ އެކަމެއް ނެތޭ،"
އަންނަ މަހު ބާއްވާ މައި އިންތިހާބުގައި ރައީސާ ވާދަވެރި ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އެމްޑީޕީގެ ކެމްޕެއިނަށް ހުރަސް އެޅުއްވުމަށް މަސައްކަތްކުރައްވަމުން ކަމަށާއި، އެކަމަކު ވެރިކަމުގައި އޮތް އެމްޑީޕީން ގެންދަނީ ޒިންމާދާރުގޮތެއްގައި ކެމްޕެއިންކުރުމުގެ ފުރުސަތު ވާދަވެރި ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވެ، މާރިޔާ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް ޕްރެސް ބާއްވަވައި މުއިއްޒަށް ފާޑުވިދާޅުވަމުންދާ މާރިޔާ ވިދާޅުވި ގޮތުގައި، މުއިއްޒު ވެރިކަމަށް އިންތިހާބުވެއްޖެ ނަމަ، ކައުންސިލަރުން ސަސްޕެންޑުކުރުން ފަދަ ކަންކަން އޭނާ ކުރައްވާނެއެވެ. މިސާލެއްގެ ގޮތުގައި މާރިޔާ ނެންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެވެ.
ހަމަ އެއާއެކު، ރައީސްގެ ވައުދުތައް މުއިއްޒު ކޮޕީކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވާ ވިދާޅުވުން، މާރިޔާ މިއަދު ވެސް ތަކުރާރުކުރެއްވިއެވެ.
"ހަމަ ކޮޕީކުރައްވައިގެން [މުއިއްޒު] އެ ވާހަކަ ދައްކަވާނެކަން އަޅުގަނޑު ޗެލެންޖުކޮށްފަ މި ދަންނަވަނީ، މި އަންނަ ދުވަސްތަކުތެރޭގަ ރައީސް ސޯލިހު ވިދާޅުވީމާ އެ ގޮތަށް ވިދާޅުވާނެ ކަމަށް،"
މާރިޔާ ވިދާޅުވީ، މުއިއްޒުގެ ކެމްޕެއިންގައި އެއްވެސް ރޭވުންތެރިކަމެއް އަދި ތަސައްވުރެއް ފެންނަން ނެތް ކަމަށެވެ.
މާލޭގައި ޖަލްސާތަކާއި ހަފްލާތައް ބޭއްވޭނީ ސިޓީ ކައުންސިލުން ހުއްދަ ދިނުމުންނެވެ.