ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަޖެޓުގެ ބޮޑުބައި ހޭދަ ކުރީ ޕެޕާސްޕްރޭ އަށާއި މުގުރަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ބ. ކަމަދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ހޭދަ ކުރައްވަމުން ގެންދަނީ ދައުލަތަށް ލިބޭ ޓެކްސް ފައިސާ ހެޔޮގޮތުގައި ކަމަށެވެ.

2013 އިން 2018 ކުރި ވެރިކަމުގައި އެކަންކަން އެގޮތަށް ނުކުރީ ކީއްވެތޯ ސުވާލު އުފައްދަވާ ރައީސް ސޯލިހު ވިދާޅުވި އޭރުގެ ވެރިކަމުން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ، އިހުމާލުވީ ކަމަށެވެ. އަދި އޭރުގެ ސަރުކާރުން ބޮޑެތި ފަޅުތަކާއި ބޮޑެތި ރަށްތައް ކުއްޔަށް ދީގެން ބަޖެޓަށް ވަންނަން ޖެހޭ ހުރިހާ ފައިސާއެއް ޖަމާކުރީ އަމިއްލަ އެކައުންޓަށް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ އެމްއެމްޕީއާރުގެ ހިޔަނާތުގައި ހިމެނޭ ފަރާތްތަކާއި ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ވާހަކަ އަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އޭރުގެ ވެރިކަމުގައި ދެން ހަރަދުކުރީ ޕެޕާސްޕްރެއާއި ރައްޔިތުން ޖަލުގައި ބައިތިއްބަން ކަމަށާއި އޭރު އަމާންކަން ގެއްލިފައި ވުމުގެ އިތުރުން ވެރިކަން ކުރަމުން ގެންދިޔައީ ގަދަބާރުން ކަމަށެވެ. އަދި އެކަން ފުލުސް އޮފީހުގެ ބަޖެޓަށް ބެލުމުން އެނގޭނެކަން ފަހާގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އޭރު މުގުރަށާއި ޕެޕާސްޕްރޭއަށް ބަޖެޓުގެ ބޮޑުބައި ހޭދަކުރި ކަމަށެވެ.

"ލިބުނު އެއްޗެއް ވެއްޖެއްޔާ ހަރަދުކުރަން ޖެހުނީ ޕެޕާސްޕްރެއާއި ރައްޔިތުން ޖަލުގައި ބައިތިއްބަން. އަމާންކަން ގެއްލިފައި އޮތީ ގަދަ ބާރުން ވެރިކަންކުރަން"
ރައީސް ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ މިހާރު ގައުމު އޮތް ހިސާބަށް އާދެވުނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ނުވަދެ، ސިޔާސީ ވާދަވެރިންނަށް ބަސްބުނަން ދޫކޮށްލައިގެންނާއި ފާޑުކިޔަން ފުރުސަތުދީގެން ކަމަށެވެ. އަދި ޑިމޮކްރެޓިކް ވެރިކަމެއް ކުރާނަމަ އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި މި ވެރިކަމުގައި ހުރިހާ ވަގުތެއް ހުސްކުރީ ރައްޔިތުނަށް ވީ ވައުދުފުތައް ފުއްދަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އަބާދީގައި 563 މީހުން ދިރިއުޅޭ ކަމަދުއަށް ވެސް ރައީސް ވަނީ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ކަމަދޫގެ ސްކޫލަށް ބޭނުން ވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން މަލްޓިޕާޕަސް ހޯލަކާއި އިތުރު ކްލާސް ރޫމު އަޅައިދިނުމުގެ އިތުރުން ގިރާ ސަރަހައްދު ހިމާޔަތްކޮށް މޫދަށް އެރޭނެ ސަރަހައްދު ތަރައްގީ ކުރަން ވަނީ ވައުދު ވެވަޑައިގެންފައެވެ.

ކަމަދޫގައި އާ ބޮޑު މިސްކިތެއް އަޅައިދިނުމާއި މަގުތަކަށް ދިމާވެފައިވާ ފެންހެދޭ މައްސަލަ ހައްލުކޮށް މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދިނުމާއި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް އޭޓީއެމްގެ ހިދުމަތް ފެށުންމަސް ވެސް ރައީސް ވަނީ ވައުދު ވެވަޑައިގެންފައެވެ. އޭގެ އިތުރުން ކަމަދޫގެ އިންޖީނުގެ އަޕްގްރޭޑް ކުރުމާއި ވޮލީ އަދި ނެޓްބޯޅަ ކޯޓެއްގެ އިތުރުން ކަމަދުއާ ކައިރީގައި އޮންނަ މަދިރިވާދޫ ،ކަމަދޫގެ ރައްޔިތުން ޕިކްނިކް ދިއުމަށްޓަކައި ޕިކްނިކް އައިލެންޑަކަށް ހައްދަވައި ދެއްވާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.