ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާތައް ނީލަމުގައި ވިއްކާލުމަށް ނިންމާފައި ވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލް އިން ބުނީ އޯގަސްޓް 31، 2023 ވާ ބުރާސްފަތި ދުވަހު މުދާ ބެލުމާ ނަން ނޯޓު ކުރުން ކުރިއަށް ގެންދާނެކަމަށާ މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ޕޯޓް ސޭފްޓީ މިންގަޑާއި އެއްގޮތަށް ކަމަށެވެ. އަދި މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ގިނަ ދުވަސްވުމުގެ ސަބަބުން ނީލަން ކިޔުމަށް ހަމަޖެހިފައިވާ މުދަލުގެ ތެރޭގައި ޑަސްޓްބިނާ، ޓިޝޫ ފަދަ ތަކެތި ހިމެނެއެވެ. އެމްޕީއެލް އިން ބުނީ މި ނީލަމުގައި ނުވިކޭ މުދާ ދެވަނަފަހަރަށް ނީލަން ކިއުމަށް އިއުލާން ކުރާނެކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އެމްޕީއެލްގެ ގަވައިދުގައިވާ ގޮތުން ރާއްޖެއިން ބޭރުން މުދާ ގެނެސް އެ މުދާ ނުނަގާ ބަނދަރުގައި ގިނަ ދުވަސްވާނަމަ އެ މުދާތައް ނީލަމުގައި ވިއްކާލާނެއެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ނީލަމުގައި ވިއްކާ ނުލެވޭ މުދާ ނައްތާލުމަށް ފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ހަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެއެވެ.