އެއްވެސް ދައުލަތެއް އެހެން ދައުލަތެއްގެ ދަށުގައި އޮންނަ އިރުގައި އެއީ އަމާން ތަނަކަށް ވެސް އަދި އުފާވެރި ތަނަކަށް ވެސް ނުވާނެ ކަމަށާ، މިހާރު ދިވެހިރާއްޖެއަށް ވެސް ދިމާވެގެން އުޅެނީ އެ މައްސަލަ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި މިހާރު އައްޑޫ ސިޓީއަށް ވަޑައިގެން ހިތަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުނައްވަރު ވަނީ މިހާރު ގައުމުގެ ހާލަތާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަ ދައްކާފައެވެ.
މުނައްވަރުގެ ވާހަކައިގައި ވިދާޅުވީ ފަލަސްތީނު ވާހަކަ ކޮންމެ ރައްޔިތަކުން ވެސް އަޑުއަހާފައި ވާނެ ކަމަށާއި ފަލަސްތީނަކީ ބޮޑު މުސްލިމު އާބާދީއެއް އުޅޭ އެހެން ނަމަވެސް އަޅުވެތިކަމުގައި ދުވަސްތައް ވޭތު ކުރާ، ދައުލަތަކަށް ނުވާ ގައުމެއް ކަމަށެވެ. އަދި އެ ގައުމަކީ އަމާން އުފާވެރި ގައުމެއް ކަމުގައި ނުބުނެވޭނެ ކަމަށް މުނައްވަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކަޝްމީރާއި ސީރިއާގެ ހާލަތުން މިސާލު ނަންގަވަމުން މުނައްވަރު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ އުފާވެރި އަމާންރާއްޖެ ހޯއްދަވައި ދެއްވުމުގެ ނަމުގައި ގައުމު އަޅުވެތިކަމުގެ ތެރެއަށް ވައްދަމުން ކަމަށެވެ. "މި ރާއްޖެ ބޭރު ބައެއްގެ އަޅުވެތިކަމުގެ ތެރެއަށް ގެންދަމުން މި ބޭފުޅުން ވިދާޅުވާ ކަހަލަ، އަޅުވެތިވެއްޖިއްޔާ އަމާން ވާނެއޭ، އުފާވެރިވާނެއޭ. މިއަށްވުރެ ބޮޑު ދޮގެއް ނުހެދޭނެ. މީގެ އިތުރުން މުނައްވަރު ވިދާޅުވީ ގައުމު އަޅުވެތިކަމަށް ގެންގޮސްގެން ލިބޭނެ އުފަލެއް އަދި އަމާން ކަމެއް ވެސް ނެތް ކަމަށެވެ.
މުނައްވަރު އެ އިޝާރާތް ކުރައްވަނީ، ރާއްޖޭގެ މައްޗަށް އަވައްޓެރި އިންޑިއާގެ ނުފޫޒު ބޮޑުވުމާއި އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއްގެ ގޮތުގައި ހިނގަމުން ދާ ސަރުކާރާ ގުޅުވައި ގިނަ ބަޔަކު ދައްކާ ވާހަކަތަކާ ގުޅުވާފައެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ ކަމުގެ ވާހަކަ އެތައް ބަޔަކު ދައްކާ އިރު، އިންޑިއާގައި އަހާފައި ނޫނީ، މިގައުމުގެ ވެރިއަކަށް ތަނަކަށް ފުރައިގެން ނުދެވޭ ކަމަށް ވެސް މީގެ ކުރިން މުނައްވަރު ވިދާޅުވެފައި ވެއެވެ.
ރައީސް ސޯލިހްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މުނައްވަރު ވަނީ އެ މަނިކުފާނަކީ މުޅި ދިވެހިންގެ ވެރިޔާ ކަމަށާއި ނަމަވެސް ރައީސް ސޯލިހް ގަބޫލް ކުރައްވަނީ އެމަނިކުފާނަކީ ވަކި ބައެއްގެ ރައީސެއް ކަމަށެވެ.