ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހއ.މެދަފުށި އަދި ށ.ނަލަންދޫ ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް 30، 2023 ވާ ބުދަ ދުވަހުގެ 11:00 ގައި ވަޗުއަލްކޮށް ބާއްވާ މަޢޫލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދިފައެވެ. އަދި ސެޕްޓެމްބަރު 21، 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

މިމަސައްކަތާ ގުޅޭ ބީލަން ފޮތް އޮގަސްޓް 22، 2023 ވާ އަންގާރަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 20، 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު މިނިސްޓްރީން ލިބެން ހުންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ 22 އަހަރު ކުރިން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ށ. ނަލަންދޫ ކުރިން ބޭނުން ކުރަމުން އައީ ލަނޑާ ވިއްސައި އަލާކުރުމަށެވެ. ށ. އަތޮޅަށް އެކަށީގެންވާ ފައިދާއެއް ނުލިބި އެ ރަށް ދޫކޮށްފައިވާ މައްސަލަ ރައީސް އިބްރާހީމް ސޯލިހް އަށް އެ ރަށުގެ ރައްޔިތުން ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގައެވެ.

އޭރު ރައީސް ސޯލިހް ވަނީ އެހެން އަތޮޅުތަކާ އަޅާބަލާއިރު ށ. އަތޮޅުގައި ޓޫރިޒަމް ފުޅާވެފައި ނެތުމަކީ އެކަން ބަދަލުކުރަން ސަރުކާރުން ވިސްނުންތަކެއް ގެންގުޅޭ ކަމެއް ކަމަށާ ޓޫރިޒަމަށް އެ އަތޮޅުން ރަށްތަކެއް ދޫކުރައްވާނެކަމަށެވެ.

މީގެ އިތުރުން ހއ.މެދުފުށި ވަނީ 2021 ވަނަ އަހަރު ބޭއްވި ދުބާއީ އެކްސްޕޯގައި ވެސް އިންވެސްޓް ކުރުމަށް ހުޅުވާލާފައެވެ.