މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން (އޭރިއާ ކޮންޓްރޯލް ސަވައިލަންސް ކޯސް - އައިކާއޯ 054) ކޯހެއް ފަށައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި ކޯސް ކުރިއަށް ދަނީ ޖުލައި 30 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 21 ވަނަ ދުވަހާ ހަމައަށެވެ. ޖުމްލަ 8 ހަފުތާއަށް ފަރުމާކޮށްފައިވާ މި ކޯސް ކުރިއަށް ގެންދަނީ 6 ބައިވެރިންނާއެކުގައެވެ.

އެމްއޭސީއެލް އިން ބުނީ މި ތަމްރީނުތައް ފޯރުކޮށްދެނީ ލީޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި ގްލޯބަލް އޭ.ޓީ.އެސް/ ޔޫ.ކޭގެ ރިޗަޑް ތޯމަސް ސްމިތު އަދި އިންސްޓްރަކްޓަރުންގެ ގޮތުގައި އެމްއޭސީއެލްގެ މުހައްމަދު އަތުހަރު އަދި އަހުމަދު ނަޒީރުކަމަށެވެ. އެމްއޭސީއެލް އަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް އެއާ ނެވިގޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށްވުމާއެކު، މި ކޯހަކީ ވެސް ކުންފުނީގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތްތެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ވަނީ 2023 ވަނަ އަހަރު އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ލައިސަންސްގެ ދެ ކޯހެއްވެސް އިފްތިތާހުކޮށްފައެވެ. އެއީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 055) އާއި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 053) އެވެ. އެއީ އެމްއޭސީއެލް އިން އެއްފަހަރާ ދެ އޭޓީސީ ރޭޓިން ޓްރެއިނިން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ޓަވަރު ސިމިއުލޭޓަރު އެމްއޭސީއެލް އިން ހުޅުވީ 2021 ވަނަ އަހަރުއެވެ. މި ސިމިއުލޭޓަރަކީ އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީނު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިމިއުލޭޓަރެކެވެ.

އެމްއޭސީއެލްގެ ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންނަށް އެންމެ މަތީ ފަންތީގެ ތަމްރީނާ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އެމްއޭސީއެލް އިން ބުނީ ފުރަތަމަ ފަހަރަށް އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން ދެވެން ފެށުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.