އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއެކު ދެވަނަ ބުރެއްގައި ވެސް ވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ދަ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބަށް ކުރާ ކެމްޕެއިންގެ ތެރެއިން ނ. ވެލިދޫއަށް ވަޑަިއގެން ދެއްކެވި ވާހަކަފުޅުގައެވެ. ނަޝީދު ވިދާޅުވީ ވެލިދޫ މީހުންނަކީ ގޮތުގައި ތިބޭ ބައެއް ކަމަށާއި ހައެއްކަ ވިޔަފާރުވެރިން އައިސް އެމީހުންގެ ގޮތް ކަނޑުވާލަން މަސައްކަތް ކުރިއަސް އެ ގޮތް ކަނޑުވާ ނުލެވޭނެ ކަމަށެވެ.
މި އިންތިހާބަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހު މީހަރު ހުންނެވީ ދެވަނަ ބުރެއްގައި ކަމަށާއި އަދި އެމަނިކުފާނު އެކިއެކި ބޭފުޅުންލައްވާ ގުޅުއްވޭތޯ އެބަ ބައްލަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ދެވަނަ ބުރެެއްގައި ވެސް އެމަނިކުފާނާއެކު ވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދަ ޑިމޮކްރެޓްސް އިން ރައީސް ސޯލިހު ތިންވަނަ އަށް ނުލާ ހުއްޓާ ނުލާނެ ކަމަށާއި އެ ޕާޓީން ތިބޭނީ ދެވަނަ ބުރުގައި އަދި މި އިންތިހާބު ކާމީޔާބު ކުރާނީ ޑިމޮކްރެޓްސް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދަވަން އެނގިވަޑައިގަންނަވާނެ ބޭފުޅެއް ކަަމަށާއި އެއީ ދަންނަ ތަންދޮރު ދަންނަ ޒުވާން ލީޑަރެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.