މަސްވެރިންނަށް ލޯނު ދޭ އުސޫލަށް ބަދަލު ގެނެސް، ސީދާ ބޭންކުން ލޯނު ނެގޭނެ ގޮތް ހައްދަވައިދެއްވައި، އަލަށް މަސްވެރިކަން ފަށާ މީހުންގެ އާމްދަނީ އިތުރުކޮށްދެވޭނެ ގޮތެއް ހައްދަވައިދެއްވުމަށް، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވައުދު ވެވަޑައިގެންފިއެވެ.

ދަ ޑިމޮކްރެޓްސް އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، އޭނާ ރައީސް ކަމަށް ކުރިމަތިލެއްވީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެއްވުމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ފިލުވާލަދެއްވައި، ފަރުދީ ތަނަވަސްކަމަށް ޖާގަ ހޯއްދަވައި ދެއްވުމަށް ކަމަށެވެ.

އިލްޔާސްގެ ވާހަކައިގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައި ވަނީ މަސްވެރިކަމަށާއި ދަނޑުވެރިކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ މަހަކު ވެސް 30 ހާސް ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އޮޑިފަހަރަށް މަސްވެރިން ދައްކަން އެބަ ޖެހެއެވެ. އެހެންވެ، މަސްވެރިން މަހަށް ދެވޭނެ ގޮތް ނެތި، މަސްވެރިން އެހެން ވަޒީފާތަކަށް ދާން މަޖުބޫރުވެ، ލޯނު ނުދެއްކިގެން މަސް އޮޑި ދޯންޏާއި ގެ ވިއްކާލަން މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މިކަމުން ހާމަވަނީ ސަރުކާރުން އިހުމާލު ވެފަ އޮތް މިންވަރު ކަމަށާއި، ސަރުކާރުން މަސްވެރިންގެ ދިރިއުޅުން ހަލާކުކޮށްލާފައިވާ ކަމަށް ވިދާޅުވެ، އިލްޔާސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

"ތިބޭފުޅުންގެ މަސްވެރިންގެ ލޯނުތައް ވެސް އަޅުގަނޑުމެން ރީސްޓްރަކްޗާ ކޮށްދޭނަމޭ، މަހުގެ އަގުތައް ވެސް އުފުއްލައިދޭނަމޭ، އަލަށް މަހަށްދާ ފަރާތްތަކަށް އާމްދަނީ އިތުރުވެވޭނެ ގޮތް ވެސް ހަދައިދޭނަމޭ، ތިޔަބޭފުޅުންނަށް ބޭންކުން ލޯނު ލިބޭނެ ގޮތް ވެސް ހަދައިދޭނަމޭ، ތިޔަބޭފުޅުންގެ އާއިލާތައް ބެލެހެއްޓޭނެ އާމްދަނީ އެ މަހުން ލިބޭނެ ގޮތް އަޅުގަނޑުމެން ހަދައިދޭނަމޭ،" މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ފިލުވާލަދޭނީ ޑިމޮކްރެޓުންގެ ސަރުކާރެއްގައި ކަމަށް ވިދާޅުވަމުން އިލްޔާސް ވިދާޅުވިއެވެ.

ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، ދަނޑުވެރިން އުފައްދާ ކާބޯތަކެތި ވިއްކަން ލިބެނީ ހަތަރު މަސް ފާއިތުވާ ފަހުން ކަމަށާއި، ސަރުކާރުގެ އެގްރޯނެޓު ކުންފުނިން ކުރާ ކަމަކީ ދަނޑުވެރިން އުފައްދާ ތަކެތި ކުޑަ އަގެއްގައި ގަނެ، ރިސޯޓުތަކަށް އެތަކެތި ބޮޑު އަގުގައި ވިއްކުން ކަމަށެވެ. އެހެންކަމުން ސަރުކާރުން ދަނޑުވެރިން ފެލާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި އަންނަނީ ދަނޑުވެރިންގެ ރައީސެއްގެ ގޮތުގައޭ، ދަނޑުވެރިންނަށް އާމްދަނީ އިތުރުކުރާށޭ، އެ ހުރިހާ ފައިސާ އެއް ދަނޑުވެރިންނަށް ލިބޭ ސިޔާސަތު އަޅުގަނޑުމެން ބައްޓަން ކުރާނަމޭ، އެ އާމްދަނީ ލިބެން ޖެހޭނީ ތި ބޭފުޅުންނަށޭ،"
އިލްޔާސް

އޭނާ ރައީސް ކަމަށް އިންތިހާބުކޮށްފި ނަމަ، މަސްވެރިކަމާއި ދަނޑުވެރިކަމުން ނަފާ ހޯދައިދީ އިތުރު ޕްރޮޑަކްޓުތައް މާކެޓުތަކަށް ތައާރަފްކުރުމަށް މަގުފަހިކޮށްދޭނެ ކަމަށާއި، އެގޮތުން ޕްރޮޕޯސަލް ހުށަހެޅުމުން، މަސްވެރިންނާއި ދަނޑުވެރިންނަށް އޮތް ހުރަސްތައް ނައްތާލައްވައި އޭނާގެ ސަރުކާރެއްގައި ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް އިލްޔާސް ވައުދުވެވަޑައިގެންފައިވެއެވެ.

މީގެ އިތުރުން، ހުރިހާ ލޯނުތައް ރީސްޓްރަކްޗާ ކުރައްވާނެ ކަމަށާއި، ވަޒީފާ ނެތް ދަރިވަރުންގެ ލޯނުތައް މަޑުޖައްސާލައި، ވަޒީފާ ލިބުމުން ލޯނަށް ދައްކަން ޖެހޭނީ އެ އަދާކުރާ ވަޒީފާއަކުން ލިބޭ މުސާރައިގެ 25 ޕަސެންޓު ކަމަށް ހައްދަވައިދެއްވާނެ ކަމަށް ވެސް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.