ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ދިނުމަށާއި އެ ފަރާތްތަކަށް ހަމަލާ ދިނުމުގެ ނާތަހުޒީބު އަމަލު ނުހިންގުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އިލްތިމާސް ކުރައްވައިފިއެވެ.

ކެންޑިޑޭޓުންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ހަބީބް ވިދާޅުވެފައި ވަނީ އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާންކުރާ ދުވަހުން ފެށިގެން ކެނޑިޑޭޓުންނާއި ކެނޑިޑޭޓުންގެ ނައިބުންނަށް ސަލާމަތީ ކަންކަން ހަމަޖައްސާދޭން ވާނެ ކަމަށެވެ.

އަދި އެދުވަހުން ފެށިގެން އިންތިހާބު ބާއްވައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވާ މީހާ އެމީހާގެ މަގާމާ ހަވާލުވަންދެން ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް ހަބީބްގެ ވިދާޅުވެފައި ވެއެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ އެންމެހައި ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންނާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުށަހަޅާފައިވާ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ގާނޫނު ލާޒިމް ކުރާކަން ހަބީބް ވަނީ ފާހަގަ ކުރައްވާފައެވެ.

"އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެއް. މިފަދަ ކަމެއް ހިނގާނަމަ، އެކަމެއް ހުއްޓުވަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް އީސީގެ މެންބަރުންގެ ފަރާތުން ގޮވާލަން. އަދި މިފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން."
އިސްމާއިލް ހަބީބް

އިއްޔެގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރަށް މީހަކު ހަމަލާދީފައި ވުމުން، މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ހަބީބް ވަނީ ގޮވާލައްވާފައެވެ. އަދި އެ ނާތަހުޒީބު އަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހަބީބް ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުންވެސް އިއްޔެ ކ. ގުރައިދުއަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމާ ދިމާކޮށް ހިންގި ހަމަނުޖެހުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ހަބީބް އިތުރަށް ވިދާޅުވީ އެފަދަ ގާނޫނާ ހިލާފު އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ގުރައިދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.