އަންނަ މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކޮށްފިއެވެ.

ފައިނަލް ލިސްޓް އާންމު ކޮށްފައި ވަނީ ވަގުތީ ލިސްޓެއް އާންމު ކުރުމަށް ފަހު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ފަހުއެވެ. ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން އީސީ އިން ހުޅުވައިލި މުއްދަތު ޖޫން 22 ވަނަ ދުވަހަށް ހަމަވިއިރު 551 ޝަކުވާ ވަނީ ހުށަހަޅާފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 280،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާއިރު އީސީ އިން ބުނީ މި އަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށެވެ. މި އަހަރު ބާއްވާ އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މި އިންތިހާބުގައި އޮފިޝަލުން ހިމެނޭހެން 6،772 މުވައްޒަފުން މަސައްކަތް ކުރާނެކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މި އަހަރު ބާއްވާ އިންތިހާބުގައި ރާއްޖެއިން ބޭރުގެ 7 ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު 60 ރިސޯޓެއްގައި ވޮޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިހާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 30 ގައެވެ.