އަތޮޅު ތެރޭގައި ބެހެއްޓޭ ފުރަތަމަ ޑޮލަރު އޭޓީއެމް ކ. މާފުށީގައި ބެހެއްޓުމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފިއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް އެ އަތޮޅު ގުރައިދޫއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އެ ދާއިރާގެ ތިން ރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ.
މާފުއްޓަކީ އެންމެ ރަނގަޅަށް ފަތުރުވެރިކަމުގެ ވިޔަފާރި ހިނގާ އަދި އެންމެ ގިނަ ފަތުރުވެރިން އެއް ވަގުތެއްގައި އުޅޭ ރަށްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މާފުށީގައި ވަރަށް ގިނަ ޑޮލަރުގެ މުއާމަލާތްތައް ހިނގާތީއާއެކު އެހެން ރަށްތަކާ ހިލާފަށް އެ ރަށަށް ބޭނުންވާނީ ޑޮލަރުގެ އޭޓީއެމްއެއް ކަމަށެވެ. އަދި މާފުށީގެ މަގުތަކަކީ ކޮންމެހެންވެސް ހަދަން ޖެހިފައިވާ މަގުތަކެއް ކަމަށާއި ރަނގަޅު ޕްލޭންއެއްގެ ދަށުން މަގުތައް ހެދިއްޖެނަމަ އެއީ އިގްތިސޯދަށް ހުޅުވާލެވޭ މަގުތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭގެ އިތުރުން މާފުށީގައި ފެރީ ޓާމިނަލެއް ހެދުމަށްވެސް މުއިއްޒު ވަނީ ވައުދު ވެވަޑައިގެންފައެވެ.
މުއިއްޒު ވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެންމެ ފާހަގަވި އެންމެ މުހިއްމު އެއް ކަމަކީ ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެން ނޫން ކަމަށާއި ބިން ހިއްކުމާއި މަގު ހެދުމާއި ބަނދަރުވެސް ހަދަނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެން ނޫން ކަމަށެވެ.
ގުރައިދޫއާއި މާފުށީގައި ބިން ހިއްކާފައި ވަނީ ވެސް ރައްޔިތުން ބޭނުންވި ގޮތަށް ނޫން ކަމަށާއި ގުޅީގައި ބިން ހިއްކަން އުޅެނީ ވެސް އެފަދަ ގޮތަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ގުރައިދޫގެ ބިން ހިއްކަމުން ދިޔައިރުވެސް ހައިރާން ވެވަޑައިގެން ކައުންސިލްގެ ރައީސް އަރިހުން ސުވާލު ކުރެއްވިކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެ ރަށުގެ ބިން ހިއްކާފައި ވަނީ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ފަސްކޮޅެއް އަޅާލާފަދަ ގޮތަކަށް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ގުރައިދޫގެ ބިން އިތުރުކުރެވޭނީ މިހާރު ހިއްކާފައިވާ ބިމާ އިންވެގެން އޮތް ފަޅުތެރެ ހިއްކައިގެން ކަމަށާއި މާފުށީގައި ބިން ހިއްކާފައިވަނީ ރައްޔިތުން ކައިރީ އަހާލުމެއް ނެތި ވަކި ބަޔަކު ބޭނުންވި މަގްސަދެއް ހާސިލުކުރަން ކަމަށެވެ. އަދި އެ ބިން ވެސް ޖެހޭނީ ރައީސް ޔާމީންގެ ވެރިކަމުގައި ޕްލޭން ކުރި ގޮތަށް ބަދަލުކޮށް ބިން އިތުރުކުރަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ގުޅީގައި ބިން ހިއްކުމަށް އަދި ބަން ވޯލްއެއްވެސް ނުޖަހާ ކަމަށާއި އެ ފަޅުގައި ހިއްކަން އޮތީ 9.5 ނުވަތަ 10 ހެކްޓަރު ޖާގަ އެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން މަހާޖައްރާފު ގެނެސް އިސާހިތަކު ކޮށްލެވޭނެ ކަމެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވިއެވެ. އަދި ގުޅީގައި ބިން ހިއްކުމުގެ މަޝްރޫއުއާއި ގުޅުވައިގެން ގުޅީގެ ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ ދާއިރާގެ ތިން ރަށުގެ ބިން ހިއްކުމަކީ ވަރަށް އިސްކަން ދީގެން ކޮށްދެއްވާނެ ކަމެއް ކަމަށާއި ގުރައިދޫ ބަނދަރު ރައީސް ޔާމީންގެ ވެރިކަމުގައި ހެދީ އޭރު ހެދެން އޮތް އެންމެ ރަނގަޅަށް ކަމަށެވެ. އެހެންނަމަވެސް މިހާރު އިތުރު ޖާގަ ބޭނުންވާ ކަމަށާއި އެ ޖާގަ އިތުރުކޮށް ތަރައްގީ ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ގުރައިދޫގައި މިހާރު ކިޔަވައިދެމުން ދަނީ ދެ ދަންފަޅިއަށް ކަމުން، އެގޮތަށް ކިޔަވައިދިނުމަކީ ކުދިންގެ ދުޅަހެޔޮކަމަށް ކުރިއެރުމަށް އެންމެ ރަނގަޅު ގޮތެއް ނޫންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް ގާއިމުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި ގުރައިދޫގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ހުރިހާ ވަސީލަތަކާއެކު ޒަމާނީ ސްކޫލެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ކުނީގެ މައްސަލައަކީ މިދިޔަ 5 އަހަރުގައި މާ ބޮޑު ސަމާލުކަމެއް ދީފައިވާ ކަމެއް ނޫން ކަމަށާއި އެހެންކަމުން ހުރިހާ ރަށަކަށް އެކަމަށްޓަކައި އިސްކަން ދީގެން ހައްލުކޮށްދޭނެ ކަމަށެވެ.