މިހާރި މި ސަރުކާރު އޮތީ ސިޔާސީ ބަރުދަން ގެއްލިފައިކަމަށާއި މުޅި ހުވަދު އަތޮޅު މިހާރު އޮތީ ޕީއެންސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި ރަނިންގްމޭޓް ހުސެއިން މުހައްމަދު ލަތީފް (ސިމްބެ) އާއި އެކުގައިކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ރޭ ގއ. ކޮލަމާފުށީގައި ކުރިއަށް ދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން ގައްސާން ވިދާޅުވީ މީގެ 15 އަހަރު ކުރިން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގަތުމުން ފެނުނު މަންޒަރާ މިއަދު ފެންނަ މަންޒަރު ވަރަށް ބޮޑަށް ތަފާތުކަމަށެވެ. އެ ދުވަހު އެ ރަށަށް އަރަންޖެހުނީ 'ކުޑަވަރެއްގެ' ހަނގުރާމައެއްކޮށްގެން ފާހަގަކުރަމުން އައްސާން ވިދާޅުވީ އެހެންނަމަވެސް މިއަދު ކޮލަމާފުށްޓަށް ޒިޔާރަތްކުރުމުން ދެއްކި އާދެޔާ ހިލާފު ރޫހުގެ ސަބަބުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ.

މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އައްސާން ވަނީ މިހާރި މި ސަރުކާރުގެ އެއްވެސް ސިޔާސީ ބަރުދަނެއް ނެތް ކަން ފާހަގަކުރައްވާފައެވެ. އަދި ކިތެންމެ ވަރަކަށް ކެމްޕެއިން ކުރި ނަމަވެސް ސިޔާސީ ބަރުދަނެއް ނެތް ބަޔަކު ދައްކާ ވާހަކަ މީހުން އަޑު ނާހާނެކަމަށް ވެސް ގައްސާން ވިދާޅުވިއެވެ. މި ސަރުކާރުގެ ސިޔާސީ ބުރަދަން ގެއްލުނު ސަބަބު ހާމަކުރައްވަމުން ގައްސާން ވިދާޅުވީ އެ ބޭފުޅުން ވެރިކަމަށް ވަޑައިގަތުމަށް ވީ ވައުދުތައް ފުއްދިފައި ނުވާކަމަށެވެ.

ސިޔާސީ ވެރިން ވެރިކަން ހޯދުމަށް ވާ ވައުދުތަކަކީ ރައްޔިތުންނާއި ވެރިންނާއި ދޭތެރޭގައި ވެވޭ އެއްބަސްވުމެއްކަން ފާހާގަކުރައްވަމުން އައްސާން ވިދާޅުވީ ރައްޔިތުންގެ ބައި ފުއްދާފައިވާއިރު، ވެރިކަމަށް ވަޑައިގެން ސަރުކާރުން ކޮށްދޭން ވައުދުވި ކަންކަން ކޮށްނުދެވޭ ކަމަށެވެ. އަދި އެ ވައުދުތައް ނުފުއްދުނު ސަބަބާ ދޭތެރޭ ރައްޔިތުން ވިސްނަން ޖެހޭކަމަށް ގައްސާން ވިދާޅުވިއެވެ.

މީގެ އިތުރުން ގައްސާން ވިދާޅުވީ ތަރައްގީ ގެންނާނެ ގޮތާ، ރައްޔިތުންނަށް ހިދުމަތް ކުރާނެ ގޮތާ، ރަށްރަށުގައި ކަންކަން ރާވާ ބައްޓަންކޮށް ފައިސާ ހޯދައިގެން އުމްރާނީ ތަރައްގީ ތަންފީޒު ކުރާނެ ގޮތް ނޭގުމަކީވެސް ވައުދު ނުފުއްދުނު ސަބަބެއްކަމުގައި ވެދާނެކަމަށެވެ.