ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމް" ނުވަތަ "ސެލެރީ ޑިޑަކްޝަން ސްކީމް"ގައި އެމްޕީއެލުން ބައިވެރިވެއްޖެއެވެ.

އެމްޕީއެލުން ބުނީ، އެ ކުންފުނީގެ މުވައްޒަފުން ނުވަތަ މުވައްޒަފުންގެ އާއިލާ މެންބަރުންނަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ހައްޖު ކޯޕަރޭޝަންގެ ސެލެރީ ޑިޑަކްޝަން ސްކީމްގައި ކުންފުނިން ބައިވެރިވެފައިވާ ކަމަށެވެ.

މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީއެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީލް އަހްމަދެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި އެމްޕީއެލުން ބުނި ގޮތުގައި:

  • މި ސްކީމްގައި ބައިވެރިވާ މުވައްޒަފުންގެ މަހު މުސާރަ އިން ކޮންމެވެސް ވަރަކަށް ކަނޑާނެ
  • މުސާރައިން މި ސްކީމަށް ކަނޑާ ވަރު ކަނޑައަޅާނީ މުވައްޒަފު

މި އަހަރު ކުންފުނީގެ ހައްޖާއި އުމްރާގެ ޕޮލިސީގެ ދަށުން ތިން މުވައްޒަފަކު ހައްޖަށް ފޮނުވާފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލްގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކާއި މުއައްސަސާތަކުން ވެސް ހައްޖު ކޯޕަރޭޝަންގެ ސެލެރީ ޑިޑަކްޝަން ސްކީމްގައި ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ސްޓެލްކޯ އާއި ފުލުހުންގެ ހިދުމަތާއި ފެނަކަ ކޯޕަރޭޝަން ހިމެނެއެވެ.