ފަނަކައިން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ނަމުގައި މުޅި ކުންފުނި ބަނގުރޫޓު ކޮށްފި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ގއ. އަތޮޅަށް ކުރައްވާ ދަތުރުގައި މިއަދު އެ އަތޮޅު ދެއްވަދު އަށް ވަޑައިގެން ވާހަކަ ދައްކަވަމުން ސެންބެ ވިދާޅުވީ ފެނަކައިގެ މިއަދުގެ ހާލަތު ކޮންމެ ރަށަކުންވެސް ދައްކާ ކަމަށާއި އެއީ ވަރަށް ހިތާހުރި ކަމެއް ކަމަށެވެ. އަދި ފެނަކައަކީ މުޅިން އެހެން މެންޑޭޓެއްގައި އަދި މުޅިން އެހެން މަސްއޫލިއްޔަތަކަކާއި ޒިންމާތަކެއް ހަވާލު ކޮށްފައިވާ ކުންފުންޏެއްކަން ފާހަގަ ކުރައްވާ ސެންބެ ވިދާޅުވީ އެހެންނަމަވެސް އޭގެ ބޭރުން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ނަމުގައި މުޅި ކުންފުނި ބަނގުރޫޓު ވެގެންދާ ކަމަށާއި ވަގުތީ އުފާތަކެއް ހާސިލު ކުރުމަށްޓަކައި އޭގެ ނަހަމަ ގޮތް އިހްތިޔާރް ކުރަމުންދާ ކަމަށެވެ.

"ފެނަކައިގެ މިއަދު ހާލަތު އަޅުގަނޑުމެން ދާ ކޮންމެ ރަށަކުން އެ ވާހަކަދައްކަމުން ގެންދަނީ. ވަރަށް ހިތާމަހުރި، ވަރަށް ދެރަވަރު ވާހަކަ މި ދައްކަނީ. ފެނަކައަކީ މުޅިން އެހެން މެންޑޭޓެއްގައި މަސައްކަތްކުރަން ޖެހޭ ބައެއް. މުޅިން އެހެން މަސްއޫލިއްޔަތެއް، ޒިންމާތަކެއް ހަވާލުކޮށްފައިވާ ކުންފުންޏެއް. އެހެންނަމަވެސް އޭގެ ބޭރުން ރައްޔިތުންނަށް ހިދުމަތްކުރުމުގެ ނަމުގައި މުޅި ކުންފުނި ބަނގުރޫޓްވެގެންދާތަން. ވަގުތީ އުފާތަކެއް ހާސިލުކުރުމަށްޓަކައި އޭގެ ނަހަމަ ގޮތް އިހްތިޔާރް ކުރަމުންދާތަން، މީ ވަރަށް ދެރަވަކު ކަންކަން."
ސެންބެ

ސެންބެ ވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިންތަކުން ފެނިގެން ދަނީ ވަރަށް ފަހިކޮށް ކަމަށާއި ތަނަވަސް ބޮޑުކޮށް ޕީޕީއެމާއި ޕީއެންސީ އަށް ކާމިޔާބު ކުރެވޭތަން ކަމަށެވެ. އަދި އެކަން ކުރެވެނީ ފޮނި މާޒީއެއް ގުޅިފައިވާތީ ކަމަށާއި ރައީސް ޔާމީން މި ގައުމަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާތީ ކަމަށެވެ.

ސެންބެ ވިދާޅުވީ ދެއްވަދޫގެ ފުޓްބޯޅަ ދަނޑުގެ ހާލަތު ފެނިވަޑައިގެންފައި ވާ ކަމަށާއި އެ ދަނޑު އިތުރު ހަރުފަތަކަށް ޖައްސާލުމާއެކު ބޭނުންވާ ގޮތަށް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އަދި އަސާސީ ހައްގުތައް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެ ރަށުގެ ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރުކޮށްދެއްވާނެ ކަމަށް ސެންބެ ވިދާޅުވިއެވެ.

ދެއްވަދޫ ރަށް ގިރުމުގެ މައްސަލައަކީ އެންމެ ބޮޑަށް އެ ރަށަށް ހައްލު ހޯދައިދޭން ޖެހޭ މައްސަލަކަން ފާހަގަ ކުރައްވާ ސެންބެ ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށާއި ރިވެޓްމެންޓް ޖެހިކަމުގައި ވިޔަސް ބައެއް ރަށްރަށުގައި އުދަ އެރުންފަދަ ކަންކަން ދިމާވެފައިވާ ކަމަށެވެ. އެހެންނަމަވެސް ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ސެންބެ ވަނީ ވިދާޅުވެފައެވެ.

ސެންބެ ވިދާޅުވީ ތަރައްގީ ގުޅިފައި ވަނީ އެ ބަޔަކު ކުރާ މަސައްކަތުން ލިބޭ އާމްދަނީއާ ކަމަށާއި އެ ރަށުގެ އައިސްޕްލާންޓްގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފައި ވީ ނަމަވެސް އެ މަސައްކަތް ކުރެވޭނެ މަގު އިހުތިޔާރު ކުރާނީ އެންމެ ރަނގަޅު ގޮތުގައި ކަމަށެވެ. އަދި އައިސްޕްލާންޓް ތަރައްގީ ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތްތަަކެއް ކޮށްދެއްވާނެ ކަމަށް ސެންބެ ވަނީ ވިދާޅުވެފައެވެ.