ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހުގެ 09:00 އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާ ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. މަޖިލީހުގެ ދެވަނަ ދައުރު ނިންމާލާފައިވަނީ މަޖިލީހުގެ މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމުން ދައުރު ދިގުދަންމާލުމަށް މެންބަރުން އެދިވަޑައިގަންނަވަމުން ދަނިކޮށެވެ.

އަދި މަޖިލީހުގެ ތިން ބައިކުޅަ އެއް ބައި މެންބަރުންގެ ސޮޔާއެކު، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވާދިނުމަށް އެދި ސިޓީއެއްވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހުށަހަޅުއްވާފައެވެ. އެއާއެކު ދައުރުން ބޭރުން ދެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށް ކުރިއަށް ގެންގޮސްފައިވެއެވެ.

ދައުރުން ބޭރުގައި ބޭއްވި ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ޖުލައި 03 ވަނަ ދުވަހު އެެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާ 3 މިނަޓް ތެރޭގައި ނިންމާލާފައިވާއިރު ދައުރުން ބޭރުގައި ބޭއްވި ދެވަނަ ޖަލްސާ ޖުލައި 10 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޖަލްސާގައި ކޮމިޓީތައް އެކުލަވާލާނެ ގޮތާއި ގުޅޭ ރިޕޯޓު ފާސްކޮށްފައިވެއެވެ. އެ ދެ ދުވަހުގެ ވެސް ޖަލްސާގެ ރިޔާސަތު ބަލަހައްޓާފައި ވަނީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައިރު މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު އާއި ނާއިބު ރައީސް އިވާ އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން ކޮމިޓީތައް އެކުލަވާލުވުމުގެ މައްސަލަ އޮތީ ނުނިމިއެވެ. މީގެ އިތުރުންވެސް އިލެކްޝަންސް ކޮމިޝަނާއި ބްރޯޑްކޮމްއަށް މެންބަރަކު އައްޔަންކުރުން ފަދަ، އިދާރާތަކާއި މުއައްސަސާތަކާ ގުޅުންހުރި މުހިންމު މަސައްކަތްތައް ކޮމިޓީ މަރުހަލާގައި ވަނީ މަޑުޖެހިފައެވެ.