އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ބަދަހި ލަޝްކަރު ނުގުޑައި އޮތުމަކީ އެއްބުރުން ކާމިޔާބު ކުރާނެ ކަމުގެ ސިއްރު ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެއެވެ.

ކެމްޕެއިނަށް މިހާރު ގދ. އަތޮޅަށް އިދިކޮޅުން ކުރަމުން ގެންދަވާ ދަތުރުގައި ގދ. ފިޔޯރީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސެންބެ ވިދާޅުވީ ލިބުނު ހިތްހަމަ ޖެހުމަކީ އެ ބަދަހި ލަޝްކަރު ރޫޅާނުލެވުން ކަމަށާއި 5 އަހަރު ވެގެން ދިޔައިރު އެ ލަޝްކަރު ރޫޅާލަން ކުރެވުނު ހާ މަސައްކަތެއް ބަޔަކާ ގުޅިގެން ކުރިއިރުވެސް އެކަން ކާމިޔާބެއް ނުވި ކަމަށެވެ.

"ލިބުނު ހިތްހަމަ ޖެހުމަކީ މި ބަދަހި ލަޝްކަރު ރޫޅާނުލެވުން. 5 އަހަރު ވެގެން ދިޔައިރު މި ލަޝްކަރު ރޫޅާލަން ކުރެވުނު ހާ މަސައްކަތެއް ބަޔަކާ ގުޅިގެން ކުރިއިރުވެސް އެކަން ކާމިޔާބެއް ނުވި"
ސެންބެ

ސެންބެ ވިދާޅުވީ އިންސާނުންނަށް މާއްދީއަތަށް ބޭނުންވެފައި ތިބި މިންވަރު ދުނިޔޭގެ އެކި އެކި ހާދިސާތަކުން އެކި އެކި ތާރީހީ ސަފްހާތަކުން ފެނިގެން ދިޔަ ނަމަވެސް އެ މާއްދީއަތަށްވެސް ޕީޕީއެމް ޕީއެންސީ ބަދަހި ލަޝްކަރު ގުޑައި ނުލައި އޮތުމަކީ މި އިންތިހާބު އެއްބުރުން ކާމިޔާބުކުރާނެ ކަމުގެ އެންމެ ބޮޑުއެއް ސިއްރު ކަމަށެވެ.

ސެންބެ ވިދާޅުވީ ރަށްތައް ހަނދާން ނައްތައި ނުލައްވާނެ ކަމަށާއި ތެދުވެރިކަމާ އިހުލާސްތެރިކަމާއެކީ ދެ ގޮތެއް ނުވެ 5 އަހަރު ރައްޔިތުން މަގުމަތީކުރި ވީ ގުރުބާނީ މަތިން ޕީޕީއެމް ޕީއެންސީއަކުން ހަނދާނެއް ނައްތައެއް ނުލާނެ ކަމަށެވެ. އަދި އުފާވެރިކަމާއެކު އެކަން ބަލައިގަންނާނެ ކަމަށްވެސް ސެންބެ ވިދާޅުވިއެވެ.

ރޭ ފަރެސްމާތޮޑާ ޖަލްސާގައި ވާހަކަ ދައްކަވަމުން ސެންބެ ވަނީ ފިޔޯރީގައި 3000 ޓަނުގެ މަސް ކިރޭނެ ފެސިލިޓީއެއްގެ ވައުދުވެވަޑައިގެންފައެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސެންބެ ވިދާޅުވީ އެކި އެކި އެފަދަ މަަސައްކަތްތަކުގެ ތެރޭގައި އެކި އެކި ދިމަ ދިމާލުގައި ޒުވާނުން ހަރަކާތްތެރި ވާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށާއި އެ ރަށުގެ ޒުވާނުން އަމަލީ މަސައްކަތްތަކުގައި އުޅޭ މިންވަރު އެނގޭނެ އެކަކަކީ އޭނާ ކަމަށް ސެންބެ ވިދާޅުވިއެވެ.

ޒުވާނުން ބޭނުންވާ ކަންކަމަށް އަލިއަޅުވާލައްވާ ސެންބެ ވިދާޅުވީ އެ ރަށުގެ ފުޓްބޯޅަ ދަނޑުގެ ހާލަތު ބަދަލުކޮށް އެތަނުގައި ޓާފު ބޮޑު ދަނޑެއް އެޅިގެން ދިއުމަކީ މި ރަށުގެ ޒުވާނުުންނަށް ލިބިގެންދާނެ އެންމެ އުފާވެރިކަން ކަމަށާއި އެ ދުވަހަކީ މި ރަށުގެ ޒުވާނުން އެންމެ ދެކެން ބޭނުންވާނެ ދުވަސް ކަމަށެވެ. އަދި އެކަން ކޮށްދެއްވާނެ ކަމަށް ސެންބެ ވަނީ ވިދާޅުވެފައެވެ.

އޭޓީއެމްއަކީ އެ ފަދަ އާބާދީތަކަށް ކޮންމެހެން ހުންނަނަޖެހޭނެ ފޯރުކޮށްދޭން ޖެހޭ ހިދުމަތެއް ކަމަށާއި އޭޓީއެމްއާއެކު ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުވެ ހިދުމަތްތައް ފުޅާކުރުމަށްވެސް ސެންބެ ވައުދުވެވަޑައިގެންނެވިއެވެ.

ސެންބެ ވިދާޅުވީ މައިގަނޑު ގޮތެއްގައި ބޭނުމަކީ ރައްޔިތުން ފުދުންތެރިވުން ކަމަށާއި ފުދުންތެރިވާނީ ބިޔަ ބޮޑެތި މަޝްރޫއުތައް ރާއްޖެއަށް ގެނެސް، އެ މަޝްރޫއުތަކުން ރައްޔިތުންނަށް އާމްދަނީ ލިބޭނެ އަދި މަންފާ ކުރުވާނެ ކަންތައްތަކެއް ކުރުން ކަމަށެވެ.