މި އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް ހުޅުވާލި ފުރުސަތުގެ ވަގުތު ހަމަވިއިރު 8152 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ފުރުސަތު ފުރުސަތު ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރުފަހު 3 ޖެހުމާ ހަމައަށް ކަމަށްވިޔަސް އެ ވަގުތާ ހަމައަށް އީސީން އިން އަންދާޒާ ކޮށްފައިވާ އަދަދަށް މޮނިޓަރުންނާއި އޮބްޒާވަރުން ހުށަހަޅާފައި ނުވާތީ އެ މުއްދަތު އިއްޔެ 3 ޖެހުމާ ހަމައަށް އިތުރުކުރިއެވެ.
އެކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބު މޮނިޓާ ކުރުމަށްޓަކައި ރާއްޖޭގެ މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި 4545 އެޕްލިކޭޝަން އަދި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަގޮތުން ކުރިމަތިލެއްވި ބޭފުޅުންނާއެކު 3607 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ޖުމްލަ 8152 އެޕްލިކޭޝަން ލިބިފައިވާކަން ފާހަގަކުރައްވާ ހަބީބް ވިދާޅުވީ އެޕްލިކޭޝަންތަކުގެ މައުލޫމާތު ކަށަވަރުކޮށް، އެކްރެޑިޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި 574 ވޯޓުލާ މަރުކަޒު ގާއިމް ކުރެވޭއިރު ކޮންމެ ވޯޓުލާ މަރުކަޒެއްގައި ރާއްޖެއިން ގާތްގަނޑަކަށް 14 ފަރާތަކަށް އިންތިހާބު އޮބްޒާވްކޮށް މޮނިޓާ ކުރުމަކީ އިންތިހާބުގެ ކަންކަން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް އީސީ އަށް ލިބިގެންދާ ވަރަށްބޮޑު ހިތްވަރެއް ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ ރާއްޖޭގެ މޮނިޓަރުންނާއި އޮބްޒާވަރުންގެ އިތުރުން އިންޓަނޭޝަނަލް އޮބްޒާވަރުންނާއި މޮނިޓަރުންގެ އޮބްޒާވޭޝަން ތަކާއެކު މިއަންނަ ރިޔާސީ އިންތިހާބު ވެގެންދާނީ އެންމެ ރަނގަޅަށް އަދި އެންމެ ގިނަ އަދަދެއްގެ ބަޔަކު އޮބްޒާވްކޮށް މޮނިޓާ ކުރެވޭނެ އިންތިހާބަށް ކަމަށެވެ.
އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވާއިރު ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރި ވާނެ އޮފިޝަލުން ހަމަނުވުމުގެ ސަބަބުން އަނެއްކާވެސް ވަނީ އިއުލާނު ކޮށްފައެވެ. އެގޮތުން މިހާރު ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހު 5 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އީސީ އިން ބުނެއެވެ.