ގދ. ފިޔޯރީގައި 3000 ޓަނުގެ މަސްކިރޭނެ ފެސިލިޓީއެއް ހައްދަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

މިރޭ ގދ. ފަރެސްމާތޮޑާގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ސެންބެ ވިދާޅުވީ ފަރެސްމާތޮޑާއަކީ 90 ޕަސެންޓް މަސްވެރިން އުޅޭ ރަށެއް ކަމަށާއި އެ ރަށުގެ ކޮންމެ ރައްޔިތަކީ ވެސް މަހުން ލިބޭ އާމްދަނީއިން ދިރިއުޅުން ބިނާކޮށް، ކުރިއެރުން ހޯދާ ރަށެއް ކަމަށެވެ. އަދި މަސްވެރިންގެ އުދާސްތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި މި ވެރިކަން އައީ މަސްވެރިންނަށް އެތައް ހާސް ވައުދުތަކެއް ވިއްކައިގެން ކަމަށް ސެންބެ ވިދާޅުވިއެވެ.

ސެންބެ ވިދާޅުވީ އެ ވައުދުތައް ހަނދާން ހުރި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތަފާތު ގާނޫނުތަކާއި މަޖިލީހަށް އެތަކެއް ކުއްލި މައްސަލަ ހުށަހެޅި ހަނދާންވެސް ހުރި ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީތަކެއްގައި އެ މައްސަލަ ބެލި ކަމަށާއި އެހެންނަމަވެސް އެންމެ ކަމެއްވެސް ތަންފީޒީ މަރުހަލާގެ ތެރެއިން ފެށިކަމެއް ލޮލަކަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ސެންބެ ވިދާޅުވީ ކުރިއަށްދާ މިތިބީ ރައްޔިތުންނާއެކީ ކަމަށާއި މަސްވެރިން އެކަމަށްޓަކައި އާދޭހާއެކީގައި މިއަދު ހުރި ރައީސްގެ އަރިހަށް މާލެއަށް ބޮޑު ސިޓީއެއް ހިފައިގެން ދިއުމުން ކަންކުރެއްވި ގޮތްވެސް ވަނީ ހާމަވެފައި ކަމަށެވެ. އެއާއެކު ސެންބެ ވަނީ ޕީޕީއެމާއި ޕީއެންސީގެ ވެރިކަމެއްގައި ކޫއްޑޫއަށް މަސް ހިފައިގެން ދިއުމުގެ ބަދަލުގައި ފިޔޯރީގައި މަސްކިރޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"ޔަގީނާ ކަށަވަރުކޮށް އަޅުގަނޑު މި ދަންނަވަނީ ތިބޭފުޅުން ހުވަދޫ ކަނޑުން، ފިޔޯރީ ކަނޑުން ވަދެގެން އިރާދަކުރެއްވިއްޔާ ޕީޕީއެމް ވެރިކަމެއްގައި ކޫއްޑޫއަށް އެހާ ދުރަށް ދާކަށް ނުޖެހޭނެ. ގދ. ފިޔޯރީގައި 3000 ޓަނުގެ މަސްކިރޭގެ ފެސިލިޓީ ޕީޕީއެމް ޕީއެންސީއިން ގާއިމުކޮށްދޭނެ"
ސެންބެ

ސެންބެ ވިދާޅުވީ މަސްކިރުމަށްފަހު މަހަށް ފައިސާ ލިބުމަކީ ޕީޕީއެމާއި ޕީއެންސީ ވެރިކަމެއްގައި އެންމެ އިސްކަން ދޭން ޖެހޭނެ އެއްކަމެއްގެ ގޮތުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ވާން ނިންމި އެއްބަސްވުމުގެ ދަށުން މަހުގެ އަގު ހިފަހައްޓާނެ ފުރުސަތު ލިބިގެން ދިޔަ ކަމަށާއި އެހެންނަމަވެސް އެ ފުރުސަތު ނުލިބުނީ ވެރިކަން ދަމަހައްޓަން ފުރުސަތު ނުލިބުނީތީ ކަމަށް ސެންބެ ވިދާޅުވިއެވެ. އެހެންނަމަވެސް ވެރިން ލިބިއްޖެނަމަ އެ ފުރުސަތުގެ ތެރެއިން ފާގަތި ދުވަސްތަކެއް ހޯދައިދެއްވާނެ ކަަމަށް ސެންބެ ވިދާޅުވިއެވެ.

ސެންބެ އިތުރަށް ވިދާޅުވީ ފްރީ ޓްރޭޑް އެގްރިމަންޓްގެ ދަށުން މަހުގެ އަގު އުފުލުމާއެކު އެއްވެސް ދައްޗެއް ނުވެ، މަސް ބޭރަށް ފޮނުވޭނެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.