ކަމެއް ކުރެވޭނީ ކަމެއް ކުރަން ދަންނަ ބަޔަކަށް ކަމަށް ވިދާޅުވެ، ފަރެސްމާތޮޑާގެ ސިއްހީ ހިދުމަތް ދަށްވުމުން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެންބެ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ވެވަޑައިގެންނެވި ސެމްބެ، ފަރެސްމާތޮޑާގައި ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ރަށުގައި ޒަމާނީ ފެންވަރަށް ހިދުމަތް ދެވޭނެ ސިއްހީ މަރުކަޒެއް ގާއިމު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ވާ ކަމަށާއި އަދި ޔާމީންގެ ވެރިކަން ނިމުނުއިރު އެ ރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދިން ކަމަށެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަން ކުރަން ނޭނގިގެން އެތަނުން ލިބެން ޖެހޭ ހިދުމަތްތައް ހުއްޓި އަނެއްކާވެސް އޭގެ 4 އަހަރު ކުރީގައި އޮތް ފެންވަރަށް އެތަން ސޮއްސައިލައިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އެއާއެކު އޭނާ ވިދާޅުވީ، މުއިއްޒުގެ ވެރިކަމެއްގައި ތަފާތު ގެނެސްދެއްވާނެ ކަމަށާއި ސިއްހީ މަރުކަޒަށް ރައްޔިތުން ބޭނުންވާ ބަދަލުވެސް ގެނެސްދެއްވާނެ ކަމަށެވެ.
އުތުރާއި ދެކުނުގެ ކެމްޕެއިން ދަތުރުތައް ފެށުމާއެކު ލިބިގެންދިޔަ އާދަޔާ ހިލާފު ތަރުހީބު ފާހަގަކުރައްވާ ސެންބެ ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ރައްޔިތުން ބޭނުންވެފައި ތިބި މިންވަރާއި އެއް ރޫހެއްގައި ނުގުނޑާފަދަ އަޒުމެއްގައި ތިބި މަންޒަރު ފެނިވަޑައިގެން ކަމަށެވެ.
ސެންބެ ވިދާޅުވީ ފަރެސްމާތޮޑާގެ ރައްޔިތުންނަކީ ތަރައްގީއަށް ލޯބިކުރާ ވަރަށް ސިޔާސީ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެއް ކަަމަށާއި އެ ރަށުގެ ރައްޔިތުން ތަރައްގީ ބޭނުންވެފައި ތިބި މިންވަރު، އެ ރަށަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ސާފުވާނެ ކަމަށެވެ.
ފަރެސްމާތޮޑާއަކީ ޒުވާނުން ގިނަ އަދި ކުޅިވަރަށް ލޯބިކުރާ ޒުވާނުންތަކެއް އުޅޭ ރަށެއް ކަން ފާހަގަކުރައްވާ ސެންބެ ވިދާޅުވީ އެ ރަށުގައި ފުޓްބޯޅަ ދަނޑެއް ހަދައިދިނުމަށް ޒުވާނުން ސަރުކާރަށް އާދޭސް ކުރާ ވަރު އެނާއަށް އެނގިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް މުއިއްޒުގެ ވެރިކަމެއްގައި އެ ދަނޑު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރެވިގެން ދާނެ ކަމަށް ސެންބެ ވިދާޅުވިއެވެ.