މާލޭގައި އޮތް ތޮއްޖެހުމަށް ހައްލު ހޯދުމަށް މާލެ ދޫކޮށް އެހެން ރަށަކަށް ހިޖުރަ ކުރާ މީހުންނަށް ބޯހިޔާވަހިކަން ދީ އެލަވަންސް ދޭން ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ޑިމޮކްރެޓުންގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ މެނިފެސްޓޯ "ފަރުދީ ތަނަވަސްކަން، އަބުރުވެރި ހަޔާތެއް" މިރޭ ލޯންޗު ކޮށްފައިވާ އިރު، އެ މެނިފެސްޓޯ ވަނީ މައިގަނޑު ފަސް ބަޔަކަށް ބަހާލާފައެވެ.

ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގެ ބައިތައް:

  1. އާރޯ ވިޔަފާރި، އިގްތިސާދު އަދި މާލީ އިސްލާހު
  2. ލާމަރުކަޒީ ބަދަލާއި ދައުލަތް ހިންގުން
  3. ބޯހިޔާވަހިކަމުގެ ކަށަވަރުކަން، މަސްތުވާތަކެތީގެ ފަރުވާ، ތައުލީމާއި ސިއްހަތުގެ ބަދަލު
  4. މުނިފޫހިފިލުވުން، ފަންނުވެރިކަން، ސަގާފަތް އަދި ކުޅިވަރު
  5. އަދުލުގެ ނިޒާމު އަދި ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތު

މި ބައިތަކުގެ ތެރެއިން ބޯހިޔާ ވަހިކަމުގެ ކަށަވަރު ކަމުގެ ބައިގެ ތެރޭގައި އެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި، ގޭބިސީ އާމްދަނީގެ 33 ޕަސެންޓަށް ވުރެ ބޮޑު އަގެއް ބޯހިޔާވަހި ކަމަށް ހަރަދު ކުރާ ގޭބީސީތަކަށް ސޯޝަލް ސެކިއުރިޓީގެ ގޮތުގައި ހައުސިން ސަބްސިޑީ ފޯރުކޮށްދިނުން ވަނީ ހިމަނާފައެވެ. ހަމައެއާއެކު މާލެއިން ބޭރަށް ހިޖުރަކުރަން ބާރުއެޅުމަށް އެހެން ސަރަހައްދުތަކަށް ހިޖުރަކުރާ ފަރާތްތަކަށް ސެޓެލްމަންޓް އެލަވަންސް އާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް އެމެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

ބޯހިޔާވަހިިކަމުގެ ބައިގެ ދަށުން އިތުރަށް އެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން، އާބާދުވެފައިވާ ކޮންމެ ރަށެއްގައި ކައުންސިލް މެދުވެރިކޮށް ބޯހިޔާވަހިކަން ގާއިމުކޮށް ފުދުންތެރިކަމާއި ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އިތުރު ކަމެއް ކުރެވެން ނެތް އާއިލާތަކަށް ވަގުތީ އަބުރުވެރި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނެއެވެ. ހަމައެއާއެކު ތައުލީމާއި ތަމްރީން އަދި އިގްތިސީދީ ޕްރޮގްރާމްތަކުގެ ތެރެއިން އެ އާއިލާތަކުގެ ފުދުންތެރިކަން ކުރިއެރުވުމާއި، އާއިލާގެ ހާލަތަށް އަންނަ ބަދަލު ކައުންސިލުން ގާތުން ބަލަމުން ދިއުމާއި ފުދުންތެރިކަން ހުރި މިންވަރުން އަމިއްލަ ކުރެވޭނެ ބޯހިޔާވަހި ކަމަކަށް ބަދަލުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ބޯހިޔާވަހި ކަމެއް އިމާރާތް ކުރުމަށް ނުވަތަ ގަތުމަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވަޒަންވެރިވެ ދިރިއުޅޭ ރަށެއްގެ ސަބަބުން އެއްވެސް ތަފާތު ކުރުމެއް ނެތި އެއްހަމައަކުން ލުއި ފަސޭހަކޮށް މޯގޭޖް ފައިނޭންސް ލިބޭނެ ސިސްޓަމެއް ގާއިމުކުރުމާއި، ސަރަހައްދީ ޑިވެލޮޕްމަންޓް ބޭންކުތަކުން ލާމަރުކަޒުކޮށް ހިންގޭ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތަކަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ފައިނޭންސިން ހަމަޖައްސައި ދިނުން ހިމެނެއެވެ.

އަދި މައި ސަރުކާރުން ކޮންސްޓްރަކްޝަން މަސައްކަތްކުރުން ހުއްޓާލައި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކިވަކި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ހުއްޓުވައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ކައުންސިލްތައް މެދުވެރިވެގެން ލާމަރުކަޒީ އުސޫލުން ހިންގޭ ޕްރޮޖެކްޓްތަކަށް ބަދަލުކުރަން ވަނީ ނިންމާފައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫތަކަކީ ދެމެހެއްޓެނިވި މަޝްރޫތަކަކަށް ހެދުމަށް ސޮވެރިން ގެރެންޓީ ދިނުން ހުއްޓާލައި އިގްތިސޯދީ ހަރަކާތްތަކާއި ގުޅުވުން ވެސް ހިމެނެއެވެ. ރިޒޯޓުތަކުގެ ސްޓާފް އެކޮމޮޑޭޝަން މީހުން ދިރިއުޅޭ ރަށްރަށަށް ބަދަލުކުރުމަށް ކައުންސިލްތަކާއެކު ވެވޭ އެއްބަސްވުމަކުން އެކަމަށް ބިން ކަނޑައަޅާ ސްޓާފް ހައުސިން ޕްރޮގްރާމެއް ތައާރަފުކުރަން ވެސް އެ ބައިގެ ދަށޫން ވަނީ ހިމަނާފައެވެ.