ލ. މާވަށުގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ފެނަކައާ މިއަދު ހަވާލުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ފެނަކައާ ހަވާލުކުރީ 25 ޓަނުގެ އައިސް ޕްލާންޓެއް ހެދުމުގެ އިތުރުން 50 ޓަނުގެ ކޯލްޑު ސްޓޯރޭޖު ގާއިމްކުރަން ކަމަށެވެ.

މި މަސައްކަތް ފެނަކައާ ހަވާލު ކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ކުންފުނީގެ އެމްޑީ އަހުމަދު ސައީދެވެ.

މާވަށުގެ އިތުރުން އެހެން ރަށްރަށުގައި ވެސް އައިސް ޕްލާންޓްތައް ހެދުމަށް ފެނަކައާ ވަނީ ހަވާލުކޮށްފައެވެ. އައިސް ޕްލާންޓްތައް ހިންގަން ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ފެނަކަ ކޯޕަރޭޝަނާއި އައިސްޕްލާންޓްތައް ހިންގުން ހަވާލުކުރުމަށް ސަރުކާރުން ނިންމީ އެކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރުމަށްފަހު، އެއީ އެންމެ ރަނގަޅު ގޮތް ކަމުގައިވާތީ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިހާރު ފެނަކައާއި ހަވާލުކޮށްފައިވާ ހުރިހާ އައިސް ޕްލާންޓްތަކަކުން ވެސް މަސްވެރިންނަށް ހިދުމަތް ލިބެމުންދާކަން ރައީސް ފާހަގަކުރެއްވެވިއެވެ.

މިދިޔަ ޖެނުއަރީ މަހު ސަރުކާރުން ވަނީ މިހާތަނަށް ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.