ރޭ ފަތިހު މާލޭ މަޖީދީ މަގުގައި ހިނގި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހީނާމާގެ ޕާކިން ޒޯން ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓު ރޭގެ 04:42 އެހާއިރު ލިބިފައިވާ ކަމަށާއި އަދި މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާ ކަމަށެވެ. އަދި މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ އެމްޑީ އަހުމަދު އައްފާލް ވިދާޅުވީ ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ދެ މީހަކަށް ފަރުވާދިފައިވީ ނަމަވެސް އޭގެތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަިނިޔާ ލިބުނު އިތުރު މީހާއަށް ހޮސްޕިޓަލުގައި މިހާރުވެސް ފަރުވާ ދެމުންދާ ކަމަށާއި ނަމަވެސް އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް އައްފާލް ވިދާޅުވިއެވެ.

ރޭގެ ހިނގި އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާއިރު ފެންނަ ފެނުމަށް ދެ ސައުކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި ހެލްމެޓް ވެސް ވެއްޓިފައި އޮތް މަންޒަރު ފެންނައިރު އަނިޔާވި އެކަކު ހޮސްޕިޓލަަށް ގެންދިއުމަށް ފުލުހުންނާއި އާންމުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

މާލެއާއި މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރު ވަމުންދާއިރު މި ހާދިސާ ތަކުގައި އެކިވަރުގެ އަނިޔާ ދަނީ މީހުންނަށް ލިބެމުންނެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މަޖީދީ މަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެމްއެންޔޫގެ ލެކްޗަރާއެއް ކަމަށްވާ ހަފީޒް އަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބި އައިސީޔޫގައ ފަރުވާދީފައެވެ.

އަދި އިތުރު ފަރުވާއަށް ހަފީޒް އިންޑިއާއަށް ފުރުވާލާފައި ވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ. އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 22 އަހަރުގެ ޝަމްއާން އަބްދުއްޝަކޫރު ބަންދުކުރި ނަމަވެސް ފަހުން ވަނީ އޭނާ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.