ކ. މާފުށިން ބަންޑާރަ ގޯތި ހޯދުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމު ކޮށްފިއެވެ.

މާފުށީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ވަގުތީ ލިސްޓާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އޮގަސްޓް 24، 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ލިޔުމުން ޝަކުވާ ހުށަހެޅުމަށް އެދިފައެވެ. ކައުންސިލުން އާންމު ކޮށްފައިވާ ވަގުތީ ލިސްޓުގައިވާ ގޮތުން މާފުށީ ރައްޔިތުންގެ ތެރެއިން 308 މީހުންނަށް ގޯތި ލިބުމަށް ޝަރުތު ފުރިހަމަވެއެވެ.

ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރިކުރާ މާފުށިން ބިން ދޫކުރުމަށް އިއުލާން ކޮށްފައި ވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އޭރު އާންމު ކޮށްފައިވާ އުސޫލަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން އެ އިއުލާން ވަނީ ބާތިލްކޮށްފައެވެ. އަދި މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ އުސޫލަށް ގެނައި އިސްލާހާއެކު ގޯއްޗަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލީ އެޕްރީލް މަހުގެ ތެރޭގައެވެ.

މަފުށީ ފަޅުގެ ދެކުނު ފަރާތުން ހިއްކާފައިވާ 25 ހެކްޓަރު ބިމުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 312 ގޯއްޗެވެ. އޭގެތެރެއިން އާންމުނަށް ހިލޭ ދިނުމަށް ހުޅުވާލާފައިވަނީ 308 ގޯއްޗެވެ. ބާކީ ހަތަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި އުސޫލުންނެވެ.