މިސަރުކާރުގެ ފަސް އަހަރު ނިމިގެން ދާއިރު ފެނިގެން މިދަނީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ގެނެވުނު ތަރައްގީ އަޅާނުލައި ވީރާނާވާން ދޫކޮށްލާފައިވާ މަންޒަރުކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ހއ. ދިއްދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ރާއްޖެއަށް ގެނައި ތަރައްގީ ވަޅުޖެހިފައި އޮތީ މި ސަރުކާރުގެ ދޯހަޅިކަމުން ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ފުޓުބޯޅަ ކުޅުމާ އެކު، އެކި ކުޅިވަރުތައް ކުޅުމަށް އަޅާފައިވާ ތަންތަން ވީރާނާވެ ހަލާކުވެގެން ދަނީ އެތަންތަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުންކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އަލުން އެތަންތަން ތަރައްގީ ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެ ތަންތަން ނުބެލެހެއްޓުމުގެ ސަބަބުން އެތަންތަން އަލުން ތަރައްގީ ކުރުމަށް ޑަބަލް ހަރަދު ކުރަން ޖެހޭނެކަން މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގައިވެސް އިސްކަންދެއްވި ކަންތައްތަކަށް މުއިއްޒުގެ ވެރިކަމެއްގައިވެސް އިސްކަން ދެއްވާނެ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެންމެ އިސްކަމެއް ދެއްވާނީ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އަދި ރައީސް ޔާމިންގެ ދައުރުގައި އެންމެ އިސްކަމެއް ދީފައި ވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދީ ޒުވާނުންގެ ޖީބަށް އެނގޭގޮތަށް [ޖީބަށް ފައިސާ ވަންނަ ގޮތަށް] ކަންތައްތައް ކުރިޔަށް ގެންދިޔުން ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އޭގެ ވެރިކަމެއްގައިވެސް ދެވަނައަށް އެންމެ އިސްކަމެއް ދެއްވާނީ ޒުވާނުންނަށް ކަމަށެވެ.
މީގެ އިތުރުން މުއިއްޒު ވަނީ ދިއްދޫ ޒުވާނުންނަށް ޒަމާނީ ފެންވަރުގެ ބައިނަލްއަގްވާމީ މެޗުތައް ކުޅެވޭނެ ފުޓުބޯޅަ ދަނޑެއް ތަރައްގީކޮށް، ކުޅިވަރު ކުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމު ކޮށްދެއްވާނެ ކަމަށް ވައުދުވެޑައިގެންފައެވެ.